ރ. އިންނަމާދޫ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް އާ ހިއްސާ ކޮށްފި އެވެ.
މިކަންތައް އެމަނިކުފާނާ ހިއްސާ ކޮށްފައިވަނީ، އިންނަމާދޫ ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހުރިއްޔާއާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ބަނދަރު ސަރަހައްދުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރަން ވަރަށްބޮޑަށް ބޭނުންފުޅުވާކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ބޭނުންވާ ފައިސާގެ ބައެއް ކައުންސިލުން އިސްނަގައިގެން މިހާރު ހޯދާފައިވާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމަށް ބޭނުންވާ ބާކީ ފައިސާ ދައުލަތުން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސަރުކާރުގެ އެއްބާރުލުމާއެކު މިސްކިތް ބިނާކުރަން ބޭނުންފުޅުވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ފާހަގަކުރައްވަމުން އެބޭފުޅުން ވަނީ ނަރުދަމާގެ ހިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އަތޮޅުގެ ބޯޓު ޔާޑުތަކަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އިންނަމާދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ. މިބައްދަލުކޮށްލެއްވުމުގައި މެންބަރުން ވަނީ ރާއަތޮޅުގެ ރަށްރަށަށް ބޭނުންވާ މިނޫންވެސް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަންކަން ގެންނަވާފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާ މިގޮތަށް ބައްދަލުކޮށްލެއްވުމުން ރައްޔިތުންގެ ބޭނުންތައް ވަރަށް ބޮޑަށް އޮޅުން ފިލައިވަޑައިގަންނަވާ ކަމަށާއި އިންނަމާދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާ ގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.