ޚަބަރު

މުބީންގެ މަސްލަހަތު އޮތް ކުންފުންޏެއްގެ އެތައް މިލިޔަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތަކެއް!

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހަވާލުކުރި، 56 މިލިޔަން ރުފިޔާގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިނުވާ މައްސަލައެއް، "ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް" ކޮރަޕްޝަން ބަލާ ކޮމިޝަނަށް ހުށަހަޅާފައިވާކަން ހާމަވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި މުބީން އަކީ ރައީސް ޔާމީން އާއި، އެމަނިކުފާނުގެ އަނބިކަނބަލުންނާ އެންމެ ގުޅުންބޮޑު މެންބަރުންގެ ތެރޭޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ރިޔާސީ އިންތިހާބުގެ އެންމެ ފަހު ވަގުތުވެސް މުބީން ރައީސް ޔާމީނަށް މަސައްކަތް ކޮށްދެއްވި އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމުން، މުބީން ވަނީ އޭނާ މަޖިލިސް ގޮނޑި ކާމިޔާބުކުރި ޕާޓީ، ޖުމްހުރީ ޕާޓީއާ އަލުން ގުޅިވަޑައިގެންފަ އެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދާ ހަވާލާދީ މިހާރު ނޫހުން ބުނި ގޮތުގައި، މުބީންގެ މަސްލަހަތު އޮންނަ "ވިލުކޮޅު މޯލްޑިވްސް"ގެ ކޮރަޕްޝަންގެ މައްސަލަ އެ ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.

މުބީންގެ ހިއްސާ އޮންނަ ކުންފުންޏަށް އެއް ފަހަރާ ގިނަ މަޝްރޫއުތަކެއް ހަވާލު ކޮށްފައިވަނީ، އޭރު އޮތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން "އެމްއާރުޑީސީ" މެދުވެރިކޮށެވެ.

އަދި އެ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކަށް ވަނީ އެޑްވާންސްކޮށް ފައިސާވެސް ހަވާލު ކޮށްފަ އެވެ.

ފަހުން އެމްއާރުޑީސީ އުވާލައި އެކުންފުނީގެ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިޔައިރުވެސް މުބީންގެ ހިއްސާ އޮތް ކުންފުންޏާ ހަވާލުކުރި މަސްރޫއުތަކުގެ ތެރެއިން 12 މަޝްރޫއެއް ނުނިމިވާކަން ވަނީ ފާހަގަކޮށްފައެވެ.

ވިލުކޮޅު މޯލްޑިވްސްއާ ހަވާލުކޮށް، ނުމިންމައި ހުރި ކަމަށް ބުނާ މަޝްރޫއުތައް:

  • ޅ. ހިންނަވަރު ހެލްތު ސެންޓަރު (8 މިލިއަން ރުފިޔާ)
  • ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގައި 3 ބުރި އިމާރާތެއް އެޅުން (9.9 މިލިއަން ރުފިޔާ)
  • ލ. މާވަށު ސްކޫލްގައި ތިން ބުރި އިމާރާތެއް ހެދުން (8.6 މިލިއަން ރުފިޔާ)
  • ދ. ކުޑަހުވަދޫ ސްކޫލްގައި ތިން ބުރި އިމާރާތެއް އެޅުން (7.6 މިލިއަން ރުފިޔާ)
  • ފ. ނިލަންދޫ ތައުލީމީ މަރުކަޒުގައި ތިން ބުރި އިމާރާތެއް އެޅުން (16.3 މިލިއަން ރުފިޔާ)
  • މ. ރަތްމަންދޫ ޖެޓީ ހެދުން (2.2 މިލިއަން ރުފިޔާ)
  • ވ. ރަކީދޫ ޖެޓީ ހެދުން (1.7 މިލިއަން ރުފިޔާ)
  • ބ. ފެހެންދޫ ޖެޓީ ހެދުން (2.2 މިލިއަން ރުފިޔާ)
  • ވ. ފުލިދޫ ޖެޓީ ހެދުން (2.4 މިލިއަން ރުފިޔާ)
  • ބ. ފުޅަދޫ ޖެޓީ ހެދުން (2.2 މިލިއަން ރުފިޔާ)
  • ރ. ރަސްގެތީމު ޖެޓީ ހެދުން (3.3 މިލިއަން ރުފިޔާ)
  • އދ. މަންދޫ ޖެޓީި ހެދުން (3.3 މިލިއަން ރުފިޔާ(

މުބީން ފޯނު ނުނަންގަވާތީ މިކަމާ ބެހޭގޮތުން އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެެވެ.