ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގިލިލަންކަންފުށީގެ މުވައްޒަފުންތަކެއް އަރައި ކޯރު ކޮނެ، އެތަނަށް ގެއްލުން ދިން ކަމަށް ބުނާ މައްސަލައިގައި އެ ރިސޯޓު ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ރޭގަނޑުގެ ވަގުތެއްގައި ގިލިލަންކަންފުށީގެ ކުރީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް އާއި އެ ރިސޯޓުގެ މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލައެއް ވަނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުން ބަލައިފައެވެ.
އެކަމާ ގުޅިގެން އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފިނޮޅަށް ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފުންތަކެއް އަރައި އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގިތަށް ކޯރު ކަނޑާފައިވާ ކަމަށެވެ. އެގޮތުން އެ ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރި ކަނޑާފައިވާ ކަމަށްވެސް އީޕީއޭއިން ބުންޏެވެ.
އެހެންކަމުން ގިލިލަންކަންފުށި ރިސޯޓުގެ އޮޕަރޭޓަރު ޕްރޯމަސް، ފަސް ލައްކަ ރުފިޔާއިން ޖޫރިނަމާކޮށް، އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މިމަހުގެ 27 ވަނަ ދުވަހު އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
"މިހެންކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ އަދަދު ކަމަށްވާ 5،62،980 ރުފިޔާ 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް ގިލިލަންކަންފުށި މޯލްޑިވްސް ރިސޯޓުގެ އޮޕަރޭޓަރު ޕްރޯމަސް އަށް ވަނީ މިމަހުގެ 27 ވަނަ ދުވަހު އަންގާފައި،" އީޕީއޭ އިން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ގިލިލަންކަންފުށީގެ ކުރީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް ޕާސްޕޯޓުވެސް އޮތީ ހިފަހައްޓައިފައެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ވަނީ ޖެނެރަލް މެނޭޖަރުގެ މަގާމުންވެސް އިސްތިއުފާ ދީފައެވެ.
ފިނޮޅުގައި ކޯރު ކަނޑައި ގެއްލުން ދިން ސަބަބު ސާފުވެފައި ނުވާ އިރު، ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ރިސޯޓުގެ ބޭނުމަކީ އެ ފިނޮޅަކީ ހިންމަފުށީ މީހުން ޕިކްނިކް ހެދުމަށް ގޮސް އުޅޭ ތަނަކަށް ވުމުން އެތަން ހަލާކުކޮށްލުމެވެ.