ސީޝެލްސްގެ ގައުމީ އެއާލައިން، އެއާ ސީޝެލްސް އިން ރާއްޖެ އާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.
އެއާ ސީޝެލްސް އިން ވަނީ މިއަހަރުގެ އާ އަހަރާ ދިމާކޮށްވެސް ސައުތު އެފްރިކާއާ ރާއްޖެއާ ދެމެދު ހަފުތާއަކު އެއް ދަތުރު ބާއްވައިފައެވެ.
އެއާ ސީޝެލްސްއާ ހަވާލާދީ ޓްރެވަލް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. އެގޮތުން ސައުތު އެފްރިކާގެ އެންމެ ބޮޑު ސިޓީ، ޖޮހެނެސްބާގް އިން މާލެއަށް، ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު ދަތުރުތައް ބާއްވަން ނިންމާފައިވާ އިރު، މި ފްލައިޓް ރޫޓުގައި ޝީސެލްސްގައި ޓްރާންސިޓް ކުރާނެއެވެ.
މާލެއިން ޖޮހެނެސްބާގަށް ފްލައިޓް ބާއްވަން ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކޮވިޑުގެ ހާލަތު ގޯސް ވެ، ދަތުރުފަތުރު ކުރުމަށް ވަނީ ހުރަސްތަކެއް ދިމާވެފައެވެ. ނަމަވެސް ހާލަތު ރަނގަޅުވަމުން އަންނަ ގައުމުތަކުން ދަތުރުފަތުރު ކުރުމުގައި ލުއިތަކެއް އަންނަނީ ދެމުންނެވެ.
އެގޮތުން އަހަރަކަށްފަހު ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އެގައުމުން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލުމުން، އެގައުމުގެ ގައުމީ އެއާލައިންސް، ސައުދިއާ އިން ވަނީ މިމަހުގެ 20 އިން ފެށިގެން ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ.