ޚަބަރު

މައުމޫނާއި ފާރިސް އަދި ނަދީމުގެ މައްްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ނަގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ފާރިސް މައުމޫނުގެ އިތުރުން ރައީސް މައުމޫނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ނަގައިފި އެވެ.

ޕީޖީ އޮފީހުން މި ދައުވާ އަނބުރާ ގެންގޮސްފައިވަނީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ.

މި ދައުވާ ނެގިކަން އަންގައި، އެ ތިން ބޭފުޅުންނަށް ވަކިވަކިން ޕީޖީ އޮފީހުން ފޮނުވާފައިވާ ލިއުމުގައި ބުނެފައިވަނީ، "އިތުރު ބަޔަކާ ގުޅިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ އަމަލެއްކުރަން އުޅުނުކަމުގެ ކުށުގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަނބުރާ ފޮނުވާފައިވާ،" ކަމަށެވެ.

އެ ތިން ބޭފުޅުންގެ އިތުރުން، ހަމަ އެ މައްސަލައާ ގުޅިގެން ދައުވާ ލިބުނު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި އެ އަމުރު ނެރުނުއިރު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފްގެ މައްސަލަ ވެސް ވަނީ އަނބުރާ ނަގައިފަ އެވެ.

މި ބޭފުޅުންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މައްޗަށް ވެސް އެ މައްސަލައިގައި ވަނީ ދައުވާ އުފުލައިފަ އެވެ.