ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓު އަޅަން އިންޑިއާގެ އަޝޯކާ ބިލްޑްކޮން އާއެކު އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވާޗުއަލްކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. އަޝޯކާ ބިލްޑްކޮންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބިޒްނަސް ޑެވެލޮޕްމެންޓްގެ ޖެނެރަލް މެނޭޖަރު އަޖޭ ކަންކަރިޔާއެވެ.
މި މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 ޔުނިޓު އަދި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 ޔުނިޓު ހަދާނެއެވެ.
މި މަޝްރޫއުއަކީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް)ގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ޖުމުލަ 140 މިލިއަން ޑޮލަރުގެ މި މަޝްރޫއު ފުރިހަމަ ކުރުމަށް ތިން އަހަރު ނަގާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓު ހަދަން މިދިޔަ މާޗު މަހުގެ ތެރޭގައިވެސް އިންޑީއާގެ ކުންފުންޏަކާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޖުމުލަ 137 މިލިއަން ޑޮލަރުގެ އެ މަޝްރޫއު ފުރިހަމަ ކުރުމަށް ހަވާލުކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ''ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް''ގެ ނަމުގައި ކުންފުންޏެއް އުފައްދާފައި ވަނީ 12 މާޗު 2019 ގައެވެ.