ޚަބަރު

ޕަބްލިކް އެގްޒަމިނޭޝަންގެ ޑީޖީގެ މައްސަލަ އޭސީސީިން ސީއެސްސީއަށް ފޮނުވައިފި

މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މުވައްޒަފުންނާމެދު ތަފާތު ކުރުންތައް ގެންގުޅޭ ގޮތުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަކީބުގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ، ބަލައިދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ފޮނުވާފައިވާކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެކަން ކަށަވަރުކޮށްދެމުން އޭސިސީން ބުނެފައިވަނީ އެ މައްސަލަ ބެލުމުގެ މަސްއޫލިއްޔަތު އޮތީ، ސީއެސްސީގައި ކަމަށާއި، އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް އަންގައި މައްސަލަ ސީއެސްސީއަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ، ޝަކީބުގެ މައްސަލައަކީ ހިނގަަމުންދާ މައްސަލައަކަށްވާތީ، އެކަމާބެހޭ މައުލޫމާތު ދެވެންނެތް ކަމަށެވެ.

"އެއީ ހިނގާ މައްސަލައަކަށްވާތީ އަޅުގަނޑުމެން މައުލޫމާތެއް ނުދެން. އަޅުގަނޑުމެން ޑިޒިޝަނެއް ނަގައިފިއްްޔާމު މައުލޫމާތު ދޭނީ،" ޒުހުރީ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕަބްލިކް އެގްޒަމިނޭޝަންގެ ޑީޖީ އަހުމަދު ޝަކީބުގެ މައްޗަށް ތުހުމަތު ކުރާ، މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި މުވައްޒަފުންގެ މެދުގައި ބޮޑެތި ތަފާތު ކުރުންތަކެއް ގެންގުޅޭ މައްސަލަތަކެއް، ވަނީ ރައީސުލް ޖުމްހުރިއްޔާ އާއި އޭސީސީ އާއި އެޗް އާރުސީއެމްގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފަ އެވެ.

އެ މައްސަލަތައް ހުށަހަޅާފައިވަނީ، އެ ޑިޕާޓްމަންޓުގެ މުވައްޒަފުންތަކެކެވެ.

އެ މުވައްޒިފުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، އެ ޑިޕާޓްމަންޓްގެ ވަޒީފާގައި އުޅުއްވާ ޝަކީބުގެ އަނބިކަނބަލުންނާއި، އެހެން މުވައްޒަފުންނާ ދެމެދު ތަފާތު ކުރުންތައް ގެންގުޅުމާއި، ރަސްމީ ދަތުރުތައް ކަމަށް ވިދާޅުވެ ޝަކީބުގެ ދެމަފިރިކަނބަލުން އޮފީސް ހަރަދުގައި އަމިއްލަ ދަތުރުތައް ކުރުން ހިމެނެ އެވެ.