ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަރުމަން ވިސާ ޖެހުމުގެ ހިދުމަތް ފަށައިފި

މުހައްމަދު އައުޒަމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަރުމަން ވިސާ ޖެހުމުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަ ގޮތަކަށް ވިސާ ހޯދުމުގެ ހިދުމަތް ދިނުމަށްކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ދުރަތަމަ ފަހަރަށް ޖަރުމަނުގެ ވިސާ ކްލިނިކެއް މިއަދު ވަނީ ހުޅުވައިފައެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދު ވިދާޅުވީ ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކްލިނިކް މެދުވެރިކޮށް ވިސާޖެހުމަށް އެދި 123 މީހުން ބުކިން ހަދާފައިވާ ކަމަށެވެ.

ފޮރިން ސެކްރެޓަރީ އިތުރަށް ވިދާޅުވީ މިއަދު ހުޅުވިގެން މިދާ ވިސާ ކްލިނިކަކީ ވަގުތީ ކްލިނިކެއް ކަމުގައި ވީނަމަވެސް މުސްތަގުބަލުގައި ރާއްޖޭގައި ދާއިމީ ގޮތެެއްގައި މިހިދުމަތް ފޯރުކޮށްދިނުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި މިނިސްޓްރީން މިކަމުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ހުޅުވިގެން މިދިޔަ ކްލިނިކްގެ މަސައްކަތަށް ޖަރުމަން ސަރުކާރުގެ އިތުރުން އެމްއެމްޕީއާރްސީ ގެ ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިގެން ދިޔަކަމަށާއި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ދެދުވަހުގެ މުއްދަތަށް ހުޅުވުމަށް ނިންމި ވިސާ ކްލިނިކްގެ ޑިމާންޑު ބޮޑުވެ ފަސް ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި މި ކްލިނިކުން ހިދުމަތް ލިބޭނީ މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ބުކިން ހަދާފައިވާ ފަރާތްތަކަށެވެ. މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:00އިން ހަވީރު 04:00އަށް މިކްލިނިކް ހުޅުވާފައި ހުންނާނެއެވެ.