ޝަހީދާ އަބްދުﷲ ސައީދު
އެފްއޭއެމުން ނިއުރޭޑިއަންޓް ކުލަބު ސަސްޕެންޑްކުރީ ފުޓްބޯޅަ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އުޅޭތީ ޒާތީ ވެގެން ކަމަށް އެކުލަބުން ބުނެފިއެވެ.
ކުޅުންތެރީންނަށް ދޭންޖެހޭ މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ނިއުރޭޑިއަންޓް ސަސްޕެންޑުކުރީ އިއްޔެއެވެ.
އެފްއޭއެމުން އެޅި މިފިޔަވަޅާ ގުޅިގެން ނިއުރޭޑިއަންޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމުން ނިންމި ނިންމުމަކީ ތާކުންތާކު ޖެހޭ ނިންމުމެއް ނޫން ކަމަށާއި ކުޅުންތެރީންނަށް މުސާރަ ނުދޭ އެހެން ކުލަބުތައްވެސް ހުރިއިރު، ހަމައެކަނި އެ ކުލަބާ މެދު ފިޔަވަޅު އެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި 2016 އިން ފެށިގެން އެފްއޭއެމުން އެކުލަބަށް ދޭންޖެހޭ ފައިސާ ނުދޭކަން ފާހަގަކޮށް ބަޔާނުގައި ބުނީ ކުޅުންތެރީންނަށް ނުދެވި ހުރި މުސާރަ ދިނުމަށް ކުލަބުން ކުރާ މަސައްކަތް މިމަހުގެ 23 ވަނަ ދުވަހު އެފްއޭއެމްގެ ޕްލޭޔަރ ސްޓޭޓަސް ކޮމެޓީއާ ހިއްސާކުރުމުން އެކަމަށް ތައުރީފުކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ އެފްއޭއެމުން އެކުލަބާ މެދު އެޅި ފިޔަވަޅަށް އެއްވެސް ބެލުމެއްނެތި ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ކުރިއަށްދާނެ ކަމަށެވެ.
އަދި އެފްއޭއެމްގެ މައްޗަށް އެކުލަބުގެ ބަޔާނުގައި ވަނީ ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައެވެ.
އެގޮތުން ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ވައްދައި، އެފްއޭއެމްގެ ބިލްޑިންގް ތެރޭގައި ސިޔާސީ އޮފީހެއް ހެދުމާއި އެފްއޭއެމުން ފުޓްބޯޅައާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ކުލަބުތަކާއި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީއާ މަޝްވަރާ ނުކޮށް ކަންކަން ކުރުމާއި ކުލަބުތަކާއި އެފްއޭއެމްގެ ހިންގާ ކޮމެޓީއާ މަޝްވަރާކުރުމެއް ނެތި ފުޓްބޯޅާ ސީޒަން ބަދަލުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.