ގްރޭޑް 12 ނިމުމުން ދަރިވަރުންނަށް ދޭ "ޝަހާދާ ސާނަވިއްޔާ" އިމްތިހާނު އަދިވެސް މުދައްރިސުން ހަމަނުވާތީ، ނުބޭއްވިދާނެ ކަމުގެ ބިރަށް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރީން ރައީސް އޮފީހަށް ހިނގައްޖެ އެވެ.
އެނގިފައިވާ ގޮތުގައި ބެލެނިވެރީން މި ވަގުތު ތިބީ ރައީސް އޮފީސް އެތެރޭގަ އެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އަރަބިއްޔާގެ ބެލެނިވެރީންގެ ތެރެއިން ބަޔަކު ރައީސް އޮފީހަށް ދިޔައީ އެ މައްސަލައިގައި އެޑިޔުކޭޝަނާއި ސްކޫލުގެ ޕްރިންސްިޕަލްއާ އެކު ކުރެވުނު މަސައްކަތްތަކުން މިހާ ތަނަށް އައި އިރު ވެސް މައްސަލައަށް ހައްލެއް އައިސްފައި ނުވާތީއާއި އަދި މައްސަލަ ހައްލުވާނެ ސީދާ ތާރީޚެއް ވެސް އެނގިފައި ނުވާތީ އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަލްއުސްތާޒް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވިދާޅުވީ މި އަހަރު އެ ސްކޫލަށް އަޒްހަރު ޔުނިވަސިޓީން އަންނަން ޖެހޭ 22 މުދައްރިސުންގެ ތެރެއިން އަދި އައިސްފައި ވަނީ ހަތަރު މުދައްރިސުން ކަމަށެވެ. ބާކީ ތިބި މުދައްރިސުން ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭ އަންނާނެ ކަމުގެ މައުލޫމާތު މި މަހުގެ 17 ވަނަ ދުވަހު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ބެލެނިވެރީންގެ މައިގަނޑު ކަންބޮޑުވުމަކީ ގްރޭޑް 12 ނިންމާ ދަރިވަރުންނަށް ދޭން އޮންނަ "ޝަހާދާ ސާނަވިއްޔާ" އިމްތިހާނު ތާރީޚަށް ނުބޭއްވިދާނެތީ އޮތް ކަންބޮޑުވުން ކަމަށެވެ. އެ ގޮތުން މިއަދު ބެލެނިވެރީންނާ އޭނާ ބައްދަލުކުރެއްވި ކަމަށާއި މުދައްރިސުން ހަމަނުވެގެން ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރު ނުވެވޭ ނަމަ އިމްތިހާނު ތަންކޮޅެއް ފަސްކޮށްލުމަކީ ވެސް މިހާރު ގެންގުޅުއްވާ ވިސްނުމެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެޑިޔުކޭޝަން މިނިސްޓްރީ އަދި އަޒްހަރު ޔުނިވަސިޓީއާ ގުޅައިގެން ކުރި މަސައްކަތުން ވެސް އެނގެނީ މުދައްރިސުން ލަސްވަނީ އެބޭފުޅުންގެ "ސެލެކެޝަން ޕްރޮސެސް" ނުނިމޭތީ ކަމަށް. އެންމެ ފަހުން މި މަހުގެ 17 ވަނަ ދުވަހު ލިބިފަ އޮތް މައުލޫމާތަކީ ކުރިޔަށް އޮތް މަހެއްހާ ދުވަސްތެރޭ އަންނާނެ ކަމަށް. ބެލެނިވެރީންގެ ކަންބޮޑުވުން އޮތީ މިހާތަނަށް ވެސް ލަސްވަމުން ދިޔައީމަ އެ މުއްދަތުގައި ވެސް ނައިސްފި ނަމަ ދެން ވާނެ ގޮތަކާ މެދު." ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ޝަހާދާ ސާނަވީ އިމްތިހާނަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު އަދި އޮކްޓޯބަރު ހިސާބުގައި ބާއްވާ، އަޒުހަރު ޔުނިވަސިޓީ ވެސް ގަބޫލުކުރާ އިމްތިހާނެއް ކަމަށެވެ. އެ ޔުނިވަސިޓީން އަންނަ ޖެހޭ މުދައްރިސުން ނާންނާތީ މި އަހަރު އަދި ކިޔެވުން ކުރިޔަށް ދަނީ ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ ބައެއް ލެކްޗަރާއިން ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މީ ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ ވެސް ކިޔެވުން ބަންދު ދުވަސްވަރަކަށް ވީ ނަމަވެސް، ގައުމީ ޔުނިވަސިޓީގެ ކިޔެވުން އަންނަ މަހުގެ 22 ގައި އަދި އިސްލާމިކް ޔުނިވަސިޓީގެ ކިޔެވުން އަންނަ މަހުގެ 10ގައި ފެށުމުން ދަރިވަރުންގެ ކިޔެވުން ދެން ކުރިޔަށް ގެންދާނެ ގޮތެއް ނެތިދާނެތީ އެއީ ވެސް ބެލެނިވެރީންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.