ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މަހަށް ފުރަން ބޭނުންވާ މީހުންނަށް ހާއްސަ ހުއްދައެއް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައެވެ. އެގޮތުން ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގަން ނިންމާފައިވާ އިރު، ކާފިއު ނޫން ވަގުތުގައި ވެސް ބޭރުގައި އުޅެވޭނީ ކޮންމެ ގޭބިސީއަކުން ދެ މީހަކަށެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ހާއްސަ ހާލަތާ ގުޅިގެން މާލެ ސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާތްތަކުން ހުއްދައެއް ނަގަން ޖެހޭނެ ކަމަށެވެ.
އެ ހުއްދައަށް މިއަދުން ފެށިގެން ކައުންސިލުގެ ވެބްސައިޓު، https://malecity.gov.mv/ އިން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް އިން އެދެވޭނެ ކަމަށް ބުންޏެވެ.
ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ހުއްދަ ދޫކުރުމަށްފަހު އެ ހުއްދައެއް އަލުން ބަދަލު ކުރެވޭނީ 96 ގަޑިއިރަށްފަހު އެވެ. އަދި ހުއްދައަށް އެދޭ އިރު، ދޯނީގެ ނަމާއި ރަޖިސްޓަރީ ނަންބަރާއި ދޯނީގެ ދިގުމިނުގެ އިތުރުން އޭގައި މަހަށްދާ މީހުންގެ މައުލޫމާތުވެސް ހިމަނަން ޖެހެއެވެ.
ނަމަވެސް މިއީ ހަމައެކަނި ކަނޑު މަސްވެރިކަމަށް ދޫކުރާ ހުއްދައެއް ކަމެއް އިއުލާނަކުން ސާފެއް ނުވެއެވެ. އަދި އެ މައުލޫމާތު ސާފުކުރުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ގުޅުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.