ޚަބަރު

އައިސީޕީއެސްގެ ބައްދަލުވުމަށް އިލެކްޝަން ކޮމިޝަންގެ މެންބަރު ހަބީބު ފުރާވަޑައިގެންފި

އިބްރާހިމް ޒަކީ

ސަތާރަ ވަނަ "އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯސިއަމް" ގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި، އިލެކްޝަން ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު އާއި އެނަލިސްޓް އަހުމަދު މުއާޒް ގާނާއަށް ފުރާވަޑައިގެންފި އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު، އަހުމަދު އަކުރަމް "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ، އެ ސިމްޕޯސިއަމްގައި ދުނިޔޭގެ 60 ގައުމަކުން ބައިވެރިވާކަމަށެވެ.

އެ ސިމްޕޯސިއަމްގައި، އިލެކްޓޯރަލް ޕްރޮސެސް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކޮށް، އިންތިހާބުގެ ކަންތައްތައް އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ކަރުދާހެއް ތައްޔާރު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ މި ސިމްޕޯސިއަމްގައި އިންތިހާބާބެހޭ ކަންތައްތައް އަވަސްކޮށް ފަސޭހަ ކުރުމަށް އެކި ގައުމުތަކުގެ ކުންފުނިތަކުން އުފައްދާ އާލާތްތައް ދައްކާލުންވެސް އޮންނާނެ ކަމަށެވެ.

"ސިމްޕޯސިއަމްގައި ހުންނާނެ އެ ފަދަ އާލާތްތައް ތައްޔާރު ކުރާ ކުންފުނިތަކުގެ ސްޓޯލްތައް. އެތަންތަނުން އެތަކެއްޗާބެހޭ މައުލޫމާތު ވެސް ދޭނެ،" އަކުރަމް ވިދޅާުވި އެވެ.

އޭނާ ވިދާޅުވީ މިއީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ސިމްޕޯސިއަމެއް ކަމަށާއި ނަމަވެސް ދިމާވި މައްސަލައަކާ ގުޅިގެން މި ދިޔަ އަހަރުގެ ސިމްޕޯސިއަމް ބޭއްވިފައި ނުވާތީ މިފަހަރު ގާނާގައި ބާއްވާ މި ސިމްޕޯސިއަމް އަކީ މިދިޔަ އަހަރުގެ ސިމްޕޯސިއަމް ކަމަށެވެ.