ރިފާ ހަލީލު
މޮނިޓަރިން އަށް މިހާރު ލާފައިވާ ރަށްތަކާއި އަދި މާދަމާއިން ފެށިގެން މޮނިޓަރިން އަށް އަލަށް ލާ ރަށްތަކުގައި ވަކި ގަޑިތަކެއްގައި ކާފިއު އިއުލާން ކުރަން ނިންމައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިއަދު ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މޮމިޓަރިން އަށް ލާފައިވާ ރަށްތަކާއި އަލަށް މޮނިޓަރިން އަށް ލެވޭ ރަށްތަކުގައި މާދަމާއިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާން ކުރަން ނިންމާފައިވާ ކަމަށެވެ.
މިވަގުތު ތަކުގައި ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކަށް ބޭރުގައި އުޅުން މަނާވާނެ ކަމަށާއި އަދި އެއްގަމު އުޅަނދު ދުއްވުމަކީވެސް މަނާ ކަމެއް ކަމަށް ވަނީ އަންގާފަ އެވެ. އެހެން ނަމަވެސް ރަށުގައި ބަލި ފެތުރުމުގެ ހާލަތަށް ބަލައި މި ފިޔަވަޅު އަޅާފައިވާ ވަގުތަށް ބަދަލު ގެނެވޭނެ ކަމަށްވެސް މި އެންގުމުގައި ބުނެފައިވެއެވެ.
މި އެންގުމާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިހާރުވެސް ރާއްޖޭގެ 74 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ.