ޚަބަރު

ނެޝަނަލް ޕަބްލިކް ޑިފެންޑާ އޮފީހެއް ގާއިމް ކުރަނީ

1

ނެޝަނަލް ޕަބްލިކް ޑިފެންޑާ އޮފީހެއް ގާއިމް ކުރުމަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަދި އެމްޑީޕީ ޓިކެޓުގައި މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާ ހިސާން ހުސައިން ރޭ ހުޅުމާލޭގެ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައި ކުރިއަށް ދިޔަ މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ޖުޑިޝަރީ އިސްލާހު ކުރުމުގެ ކަރުދާސް ހުށަހަޅުއްވަމުން ވަނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ރާއްޖޭގައި ނެޝަނަލް ޕަބްލިކް ޑިފެންޑާ އޮފީހެއް ގާއިމްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ އޮފީހުގެ ދަށުން ގާނޫނުގައި ވާފަދައިން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އަމިއްލަ ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދޭނެ ވަކި އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ހިސާން ވިދާޅުވިއެވެ.

އެ އޮފީހަކީ ބަންޑާރަ ނައިބުގެ އޮފީހާއި ގުޅިގެން ހިންގާ، ނަމަވެސް މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ބަންޑާރަ ނައިބަށް ޖަވާބުދާރީވާން ނުޖެހޭ އޮފީހެއްގެ ގޮތުގައި ކަނޑައެޅުން މުހިއްމު ކަމަށް ހިސާން ފާހަގަ ކުރެއްވި އެވެ. އެއާއެކު ނެޝަނަލް ޕަބްލިކް ޑިފެންޑާ އޮފީހުގައި މަސައްކަތް ކުރާނީ ގާނޫނީ ވަކީލުންކަމަށާއި މި އޮފީހުގެ ވެރިއަކަށް ޕަބްލިކް ޑިފެންޑަރއެއް ކަނޑައެޅުމަށް ހިސާން ވަނީ ހުށަހަޅާފައެވެ.

ހިސާންގެ ހުށަހެޅުމުގައި ވަނީ ގާނޫނީ ވަކީލުންގެ އެހީތެރިކަން ލިބެން ޖެހޭނެ މީހުންގެ މިންގަނޑެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ހުށަހަޅައިގަ އެވެ. އެ ގޮތުން މިހާރު އަމަލުކުރާ އުސޫލުގައި އޮންނަނީ ތަނަވަސްކަން ނެތް މީހުން ކަމަށާއި އެހެން އޮތުމުން އެކަން ރަނގަޅަށް ސާފުނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ކަމުން ވަޒީފާއެއްގައި އުޅޭ މީހަކަށް ނުވުން އެއީ ބެލިދާނެ މިންގަނޑެއް ކަމަށް އެ ހުށަހެޅުމުގައި ބުނެފައިވެ އެވެ.

ހިސާންގެ އެ ހުށަހެޅުމަށް ޚިޔާލު ހުށަހެޅުއްވި ބައެއް މެންބަރުން ވިދާޅުވީ ވަޒީފާއެއް އޮތުމަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭން ޖެހޭ ސަބަބެއް ކަމަށް އޮތުން އެންމެ ރަނގަޅު ނުވެދާނެ ކަމަށާއި އެއީ ވަރަށް އާދައިގެ ވަޒީފާގައި އުޅޭ އަދި ލިބޭ ކުޑަކުޑަ އާމްދަނީއަކުން އަދާކުރާން ޖެހޭ ޒިންމާތައް އެއަށްވުރެ އަދި މާ ގިނަ މީހުން ވެސް އުޅޭ ކަމަށް ވާތީ ކަމަށް ބައެއް މެންބަރުން ޚިޔާލު ހުށަހެޅިއެވެ. އެހެން ކަމުން ގާނޫނީ ވަކީލެއްގެ ފުރުސަތު ދައުލަތުގެ ފަރާތުން ލިބޭނެ މިންގަނޑާ މެދު އިތުރަށް ވިސްނުން މުހިންމު ކަމަށް ބުނެފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ހުށަހެޅި ކަރުދާސްތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟