ޚަބަރު

މަޖިލިސް މެންބަރުންގެ މާލީބަޔާން ހުށަހަޅާއިރު އަނބިދަރީންގެ މާލީ ބަޔާންވެސް ހުށަހަޅަންޖެހޭ ގޮތަށް ހަދަނީ

މަރިޔަމް ޝަހުދާ

މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅާއިރު އަނބިދަރީންގެ މާލީ ބަޔާންވެސް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސަން ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

މިރޭ ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި އެމްޑީޕީން ކުރިއަށްގެންދިޔަ މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ހުށަހެޅި ނަޒާހަތްތެރި މަޖިލީހަކަށް ދިއުމަށްޓަކައި މަޖިލީހުގެ ގަވައިދަށް ގެންނަންޖެހޭ އިސްލާހުގެ ތެރެއިން ވަނީ މަޖިލީހުގެ މާލީ ބަޔާން ހާމަކުރަން މިހާރު ގެންގުޅޭ އުސޫލު ބަދަލު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

މިހާރުވެސް މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭއިރު، މިކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހެޅި ފެލިދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާ މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މެންބަރުންނާއި މެމްބަރުންގެ އަނބިދަރީންގެ ހުރިހާ މުދަލަކާއި، އާމްދަނީ ލިބޭ ގޮތްގޮތާއި، އަގުބޮޑެތި ގަހަނާ ފަދަ ހުރިހާ މައުލޫމާތެއް މާލީ ބަޔާނުގައި ހިމަނަން ޖެހޭ ގޮތަށް ގަވައިދު އިސްލާހުކުރަން ޖެހޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭގެ އިތުރުން މަޖިލީހުގެ ވެބްސައިޓުގައި ހުރިހާ މެންބަރުންގެ ޕްރޮފައިލެއް ހިމަނަން ޖެހޭ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މާލީ ބަޔާނާއި މެންބަރުންގެ މަސައްކަތްތައް ހިމެނޭ ގޮތަށް މެންބަރުންގެ ހުރިހާ މައުލޫމާތެއް މި ޕްރޮފައިލްގައި ހިމަނަން ޖެހޭ ގޮތަށް އިސްލާހު ގެންނަން ވަނީ ހުށަހަޅައިފަ އެވެ. މި ގޮތުން މަޖިލީހުގައި މެންބަރުންގެ ހާޒިރީއާއި، ދައްކާ ވާހަކަތަކާއި، އެކި ބިލްތަކަށް ވޯޓު ލާފައިވާ ގޮތުގެ ތަފްސީލުތައްވެސް ވެބްސައިޓުން ފެންނަ ގޮތަށް ގަވައިދު އިސްލާހު ކުރަން ވަނީ ހުށަހަޅައިފަ އެވެ.

މިއާއެކު ރައްޔިތުންނާއި މެންބަރުން އަބަދުމެ ބައްދަލު ކުރަން ޖެހޭ ކަމާއި އެގޮތުން ކޮންމެ މެންބަރަކުވެސް މަދުވެގެން މަހަކު އެއްފަހަރު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރަން ޖެހޭގޮތަށް ކަނޑައެޅުމަކީ މުހިއްމުކަމެއް ކަމަށް މަބްރޫކުގެ ހުށަހެޅުމުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން ވަކި ގޮތަކަށް ޝެޑިއުލް ކުރެވިގެން، އެކަމަށް ހާއްސަ އެޑްމިނިސްޓްރޭޓިވް ސްޓާފުންތަކެއް ކޮންމެ މެންބަރަކުވެސް އައްޔަން ކޮށް، ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަކި އޮފީހެއް ގާއިމްކޮށް، ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެ ހުށަހެޅުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ހުށަހެޅި ކަރުދާސްތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.