ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ

ގެވެށި އަނިޔާގެ ތުހުމަތާ ގުޅިގެން އީސަ އިސްތިއުފާ ދެއްވުމުން، އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމަށް ޝިފާއު

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން، އެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާފައިވާތީ، މުގައްރިރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މިއަދު އިންތިހާބު ކޮށްފި އެވެ.

ކޮމިޓީގެ މުގައްރިރު ކަމުގެ މަގާމުން އީސަ އިސްތިއުފާ ދެއްވީ، އޭނާ އެ މަގާމުން ވަކި ކުރަން ކޮމިޓީއަށް އެޖެންޑާ ކޮށް މަސއްކަތް ކުރަމުން ދަނިކޮށެވެ.

އީސަ އިސްތިއުފާ ދެއްވުމާ ގުޅިެން މިއަދު ބޭއްވި އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ކަމަށް ޝިފާއު އިންތިހާބު ކުރިއިރު، އެ ކޮމިޓީގެ ބައްދަލުވުމުގައި އީސަ ވެސް ބައިވެރިވެވަޑައިގެން އިންނެވިއެވެ.

ކޮމިޓީގެ މުގައްރިރު ކަމަށް ޝިފާއު އިންތިހާބު ކުރަން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވެސް އީސަ އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ކަމަށް މެންބަރަކު އިންތިހާބު ކުރަން ދެ ހުށަހެޅުމެއް ހުށަހެޅިއެވެ.

އެއީ އެ މަގާމަށް ޝިފާއު އިންތިހާބު ކުރަން ހުށަހެޅި ހުށަހެޅުމުގެ އިތުރުން، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ކޮމިޓީގެ މުގައްރިރު ކަމަށް އޭނާ އިންތިހާބު ކޮށް ދިނުމަށް އޭނާ އަމިއްލައަށް އޭނާގެ ނަން ހުށަހެޅި ހުށަހެޅުމެވެ. އޭނާއަކީ މިހާރުވެސް ކޮމެޓީގެ ނާއިބު މުގައްރިރެވެ. މި ބައްދަލުވުމުގެ ރިޔާސަތުގައިވެސް އިންނެވީ، ފިރުޝާން އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މައްޗަން ގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ނެގި ވޯޓުގައި ހަތް މެންބަރުން ވޯޓު ދެއްވައިގެން ކޮމިޓީގެ މުގައްރިރުކަމަށް އިންތިހާބު ކުރީ ޝިފާއު އެވެ.