ޚަބަރު

ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަން ހާމަވާ ލިޔުންތަކަކީ ދަމަހައްޓަންޖެހޭ ތަރިކައެއް: މިނިސްޓަރު ޔުމްނާ

ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަން ހާމަވާ ލިޔުންތަކަކީ އަމިއްލަވަންތަކަމަށް ޓަކައި ދަމަހައްޓަންޖެހޭ ތަރިކަތަކެއްކަމަށް މިނިސްޓަރު އޮފް އާޓްސް ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ޔުމްނާ މިހެން ވިދާޅުވީ ރާއްޖޭގައި ފާހަގަ ކުރާ 30 ވަނަ ޅެންވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރ. އިނގުރައިދޫގައި ކުރިއަށް ދިޔަ އެ ޖަލްސާގައި ވާހަކަދައްކަވަމުން ޔުމްނާ ވަނީ ކަލާފާނު ރައިވަރާއި، ދޮންމޮހޮނާއި މިޔަރު އަދި ދޮންހިޔަލަ އާއި އަލިފުޅު ފަދަ ރައިވަރު ބަޔަކީ ގައުމުގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް މުހިއްމު ތަރިކަތަކެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޔުމްނާ ވަނީ ގައުމުގެ ތަރައްގީއަށް ޅެންވެރީންގެ މުހިންމުކަން ދޭހަކޮށްދިނުމަށް ޅެންވެރިންނަކީ މުފައްކިރު، ފަލްސަފާވެރި އަދި އިލްމުވެރީން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މި ދުވަސް މި އަހަރު ހާއްސަ ކޮށްފައިވާ ޅެންވެރިޔާ އަލްމަރުހޫމް ޔޫސުފް މުހައްމަދުފުޅު، އެދުރުބެގެ މަސައްކަތްތަކަށްވެސް ޔުމްނާ ވަނީ އަލިއަޅުވައިލައްވައިފައެވެ. އެގޮތުން އެދުރުބެ ވަނީ ދަރިވަރުންގެ ސިނކުޑިތައް ހުޅުވައިލައި، ޅެންބަހުރުވައާއި އެހެނިހެން ގޮތްގޮތަށް ހިޔާލު ފާޅުކޮށްދެއްވުމަށް ދަސްކޮށްދިނުމުގެ މަސައްކަތް ކުރައްވައިފައި ކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި އަޅުގަނޑުމެން ކުރިއަށް އޮތްތާގައި މަސައްކަތް ކުރަންވީ އެދުރުބެ އިރުޝާދު ދެއްވި ގޮތަށް ދަރިވަރުންގެ ސިކުނޑިތައް ފޮއްޓަކަށް ލެވުނަ ނުދީ، ކަންކަމާ ވިސްނައި ހިޔާލުކުރާ ބަޔަކަށް ހަދައި، އެކުދީންގެ ވިސްނުން ހުޅުވައިލުމަށް ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

އެ ޖަލްސާގައި ވަނީ އިނގުރައިދޫގައި ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޅެން ހަދަން ދަސްކޮށްދިނުމުގެ ކޯހުގެ ބައިވެރިން ތައްޔާރުކޮށްފައިވާ ޅެންތައް އެކުލަވައިލައިގެން ފޮތެއް ނެރެފައެވެ. މީގެ އިތުރުން މަޝްހޫރު ޅެންވެރިޔާ އަމްޖަދު ރަޝާދުގެ ޅެންތައް 'މަލަސް'ގެ 96 ވަނަ އަދަދުގެ ގޮތުގައި އެ ޖަލްސާގައި ވަނީ ނެރެފަ އެވެ.