އެފްއޭއެމް

ނިއުރޭޑިއަންޓް ސަޕޯޓާސް ޔޫނިއަން: މީ ކުލަބުގެ އަޑު ކަނޑުވައިލަން އެފްއޭއެމުން ހިންގި ޖަރީމާއެއް

މި ދަނޑިވަޅަކީ ޓީމްތަކުން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ސޮއިކުރަމުންދާ ދަނޑިވަޅެއް ކަމުން، އެފްއޭއެމްގެ އަމަލުތަކުން ދޭހަވެގެެން ދަނީ ދިވެހި ފުޓްބޯޅައިން ނިއުރޭޑިއަންޑް ސްޕޯޓްސް ކުލަބުގެ އަޑު ކަނޑުވައިލަން ހިންގާފައި އޮތް ބޮޑު ޖަރީމާއެއްގެ ގޮތުގައި ކަމަށް އެކުލަބުގެ ސަޕޯޓާސް ޔޫނިއަނުން ބުނެފި އެވެ.

އެ ޔޫނިއަނުން އެހެން ބުނެފައި ވަނީ އެފްއޭއެމުން ކުލަބު ސަސްޕެންޑު ކުރުމާ ގުޅިގެން ކޮށްފައިވާ ޓުވީޓުތަކެއްގަ އެވެ.

އެ ޔޫނިއަނުން ބުނެފައިވާ ގޮތުގައި އެފްއޭއެމުން ވަކި ކުލަބަކަށް ޒާތީ ގޮތުން ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެ ކުލަަބަށް އިނާމު ފައިސާގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ނުދެވިގެން އުޅެނީ ކީއްވެގެންތޯ އާއި އެއީވެސް ކިތައް ކުޅުންތެރީންގެ މުސާރަތޯ އެ ޔޫނިއަނުން ވަނީ ސުވާލުކޮށްފަ އެވެ.

"ޔޫތު މުބާރާތް ފެށެން މިހާ ކައިރިވެފައި އޮތް އިރު، ކުއްލި ގޮތަކަށް ޓީމު ސަސްޕެންޑުކުރުމުން އޭގެން އަސަރުކުރަނީ އެ ޒުވާން ކުދީންގެ މުސްތަގުބަލަށް. ޔަގީންވާ ކަމަކީ އެ ކުޅުންތެރީންނަށް މި މުބާރާތުގައި ދެން އެހެން ޓީމަކަށް ވެސް ނުކުޅެވޭނެކަން." ޔޫނިއަނުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އެ ޔޫނިއަނުން ބުނެފައި ވަނީ ކުޅުންތެރީންގެ މުސާރައިގެ މައްސަލަތައް ދިމާވެފައި ވަނީ ނިއުރޭޑިއަންޓުގައި އެކަނި ނޫން ކަމަށާއި އެހެން ކުލަބުތަކުގައި ވެސް މުސާރައިގެ މައްސަލަތައް އޮތް ދަނޑިވަޅެއްގައި ހަމަ އެކަނި އެ ކުލަބް ސަސްޕެންޑް ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.