އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި، ރިޔާސީ ގަނޑުވަރު މުލިއާގެ ކައިރީގައި އައިއީޑީއެއް ބާއްވައި، ގޮއްވާލަން އުޅުނުކަމުގެ ކުށުގައި ހ. މިޓާޒް/ ތަލްހަތު މުހައްމަދު 17 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ގޮއްވާލުމަށްޓަކައި މުލިއާގޭ ކައިރީގައި އޮތް ޕިކަޕެއްގެ ފިއުލްޓޭންކު މަތީގައި އައިއީޑީއެއް ބޭއްވީ ނޮވެމްބަރު 2، 2015 ގެ ރޭގައެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ.
އޭގެ ތެރެއިން އައިއީޑީ ބޭއްވި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެގެން 20 އަހަރަށް ޖަލަށްލުމަށް ހއ. ހޯރަފުށީ/ އާރޯ، އަހުމަދު މަމްދޫހުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ދެން ތިބި ތިން މީހުން ކަމުގައިވާ މ. ހީރޯ/ މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަަރަފުށި/ ވިލާ، ޒިހާން އަހުމަދު އަދި ހ. މިޓާޒް/ ތަލްހަތު މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ އެ ތިން މީހުން 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.
ކުރިމިނަލް ކޯޓުން ކުރި އެ ހުކުމް މަމްދޫހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެކަމާ ގުޅިގެން މައްސަލަ ބަލައި 2019 ވަނަ އަހަރު ހައިކޯޓުން ވަނީ، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި މަމްދޫހު ހިމެނޭ ބައި ބާތިލުކޮށް، މަމްދޫހު މިނިވަންކޮށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަށް އަންގައި ހުކުމްކޮށްފައެވެ.
އެ ހުކުމާ ގުޅިގެން ތަލްހަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، މަމްދޫހުގެ މައްސަލައާ އެއްގޮތަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޮށްފައިވާ ހުކުމްވެސް ބާތިލުކޮށްދިނުމަށެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ތޮލްހަތުުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައި ނިންމާފައިވާ ނިންމުމުގައި މުޅި މައްސަލައިގެ ތަހުގީގާމެދު ސުވާލު އުފެދިފައިވާ ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާ ކަމަށެވެ.
އަދި މަމްދޫހުގެ ހިމެނޭ ބައި ކުރިމިނަލް ކޯޓުގެ ހުކުމުން އުނިކުރަން ހައިކޯޓުން ނިންމި ސަބަބުތަކުގެ ތެރޭގައި ދައުވާ، އޭގެ މައްޗަށް ބިނާކޮށްފައިވާ ތަހުގީގަކީ ސުވާލު ކުރަން ޖެހޭ ފަރާތްތަކަކާ ސުވާލުކޮށްފައި ނުވާ އަދި ކޮންމެހެން ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ނުކޮށް، ހާޒިރު ކުރަންޖެހޭ ފަރާތްތަކެއް ހާޒިރުނުކޮށް ދޫކޮށްލުމަށްފަހު ކޮށްފައިވާ ހުކުމެއް ކަމަށާއި އަދި ދައުލަތުގެ އިދާރާއަކުން ހުރާފީ ކަންތަތަކެއްގައި ހިމެނޭ ކަމެއްގައި މަމްދޫހު ބައިވެރިކޮށްފައިވާ ކަމަށް ފަނޑިޔާރުންނަށް ގަބޫލު ކުރެވޭ ކަމަށް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މަމްދޫހުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ތޮލްހަތުގެ މައްޗަށް ކޮށްފައިވާ ހުކުމަކީވެސް އެއް ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ހުކުމަކަށްވާ އިރު، މަމްދޫހުގެ މައްޗަށް ނިންމާފައިވާ ގޮތަށް ތޮލްހަތުގެ މައްޗަށް ހައިކޯޓުން ނިންމާފައި ނުވުމަކީ އެ މައްސަލަ ރަނގަޅަށް ބަލާފައިނުވުން ކަމަށްވެސް މަހުފޫޒު ވިދާޅުވިއެވެ.
ތޮލްހަތުގެ ފަރާތުން ހުށަހެޅި މައްސަލައަށް ދައުލަތުގެ ފަރާތުން ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު މުހައްމަދު އާލިމް އަބްދުﷲ ވިދާޅުވީ، މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ތޮލްހަތު ދަށު ކޯޓުގައި ކުށަށް އިއުތިރާފު ވެފައިވާ ކަމަށެވެ. އަދި ދަށު ކޯޓުގައި އޭނާ ހަމައެކަނި އިންކާރު ކުރީ އެއީ އަސްލު އެއްޗެއް ކަމަށް ކޮށްފައިވާ އިންކާރު ކަމަށެވެ. އެއީ ކުޅޭކުޅޭ ބޮމެއް ކަމަށް ބުނުމުން، އެކަން ސާބިތު ކުރުމަށް އެކްސްޕާޓް އޮޕީނިއަން ރިޕޯޓާއި ބޮމާ ގުޅޭ އިތުރު ހެކިތައް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ، އައިއީޑީގައި ހިމެނޭ މުހިންމު ބައިތައް ހިމެނޭ ކަމަށް އެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި އެ މައްސަލައިން ދިފާއުވުމަށް ތޮލްހަތު ހެކި ހުށަހަޅާފައިނުވާ އިރު، އެކަން ކުރި ކަމަށް އެއްބަސްވެ ޒިހާން އަހުމަދާ ދެމީހުން ބޮން ހަދައި ޕިކަޕުގެ ބެޓެރީމަތީގައި ބާއްވާފައިވާ ކަމަށް ވެސް އިއުތިރާފު ވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
އެހެންކަމުން މަމްދޫހުގެ މައްސަލަ އާއި ތޮލްހަތުގެ މައްސަލައިގެ ގަޒިއްޔާއަކީ މުޅިން ތަފާތު ދެ ގަޒިއްޔާ ކަމަށްވެސް ޕަބްލިކް ޕްރޮސިކިއުޓާ އާލިމް ވިދާޅުވިއެވެ.
މި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ވަނީ މައްސަލައިގައި ބުނާ އެއްޗަކީ އައީޑީއެއް ކަމާމެދު ސުވާލު އުފައްދައިފައެވެ.
އެގޮތުން މި ދައުވާގެ ސީޣާގައި ބުނާ ގޮތަށް، ތަލްއަތު ކުރަން އުޅުނު ކަމަކީ އާންމުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަކަށް ވާނީ އައިއީޑީ ކަމަށް ބުނާ އެއްޗަކީ އަސްލަކަށް ވެގެންނެވެ. ދަށު ކޯޓާއި ހައިކޯޓުންވެސް، އެއީ ގޮވުމުގެ ގާބިލުކަން ހުރި އަސްލު އައިއީޑީއެއް ކަމަށް އެކްސްޕާޓުން ނުވަތަ ޚަބީރުންގެ ބަހަށް ނިންމާފައިވާތީ ސުޕްރީމް ކޯޓުން ވަނީ ޚަބީރުންނަކީ ކޮބައިކަމާއި އެ މީހުންގެ ހެކިބަސް ޝަރީއަތަށް ބަލައިގަތުމުގައި ބަލަންޖެހޭ ކަންކަން ބަޔާންކޮށްފައެވެ.
އެކަންތައްތަކަށް ބެލުމަށްފަހު މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، މި މައްސަލައިގައި ތަލްހަތު 17 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި އެ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރަން ސުޕްރީމް ކޯޓުގެ މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.