އެފްއޭއެމުން މިހާރު އަމަލު އެކުރަނީ މަސީހުގެ އިތުބާރު ނެތް ކަމަށް މެންބަރުން ސޮއިކުރެއްވީމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލި ހުތުރު އުސޫލުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ ކުޅުންތެރީންނަށް މުސާރަ ނުދޭ ކަމަށް ބުނެ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، އެފްއޭއެމުން މިއަދު ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
މަހްލޫފް ވިދާޅުވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ، އެފްއޭއެމްގައި ހުރި މައްސަލަތައް ފާހަގަކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ލީޑު ކުރި ކްލަބް ކަމަށެވެ.
އެފްއޭއެމުން މިއަދު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑް ކުރި އިރު، އެ އެސޯސިއޭޝަނާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ދެމެެދު ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
މިނިސްޓަރު މަހުލޫފު އިސްވެ ހުންނަވައިގެން، އެފްއޭއެމްގެ އިންތިޚާބީ ލީޑާޝިޕު ބިރުދައްކައިގެން ބަދަލުކުރަން އުޅޭ ކަމަށް އެފްއޭއެމުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި ހަމަ އެހެންމެ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި ފުޓްބޯޅައަށް ގެއްލުންވާ ގޮތަށް ކަންތައްތައް ކޮށްފައިވާ ކަމަށް މިނިސްޓަރު މަހުލޫފް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އެފްއޭއެމްގެ ލީޑާޝިޕު ބަދަލުކުރުމަށް ކުލަބުތައް އިސްވެ އޮވެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.