ޚަބަރު

ރައީސް މައުމޫނުގެ ތާއީދާއެކު ތިނަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވަން ސައުދުﷲ ނިންމަވައިފި

އިބްރާހިމް ޒަކީ

1

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މައުމޫނު ރިފޯމް މޫވްމެންޓްގެ ފަރާތުން، ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުުގެ ތާއީދުގައި ގދ. ތިނަދޫ އުތުރު ދާއިރާއަށް ވާދަ ކުރެއްވުމަށް، އެ ދާއިރާގެ މަޖިލިސް ގޮނޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ ދައުދުﷲ ހިލްމީ ނިންމަވައިފި އެވެ.

ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ސައުދުﷲ މިއަދު ވިދާޅުވީ، ރައީސް މައުމޫނުގެ ތާއީދާއެކު އެ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވީ ދާއިރާގެ މެންބަރެއްގެ ގޮތުގައި އިތުރު ހިދުމަތްތަކެއް ކޮށްދެއްވުމަށްޓަކައެވެ.

އަދި ކޯޓުގައި އޮތް ޕީޕިއެމްގެ މައްސަލަ ނިމި ޕީޕީއެމް ރައީސް މައުމޫނަށް ލިބިވަޑައިގެންފިނަމަ ވާދަ ކުރައްވާނީ ޕީޕީއެމްގެ ޓިކެޓްގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސައުދުއްﷲ އެދާއިރާ އަށް ވާދަކުރައްވަން ނިންމެވިކަން އިއްލާން ކުރައްވައި، ރައީސް މައުމޫނު ޓެގް ކުރައްވައި ކުރެއްވި ޓްވީޓަށް ރައީސް މައުމޫން ވަނީ ޖަވާބުވެސް ދެއްވައިފަ އެވެ.

ސައުދުﷲ ގެ ޓްވީޓް ރީ ޓްވީޓް ކުރައްވަމުން ރައީސް މައުމޫނު ވިދާޅުވެފައިވަނީ، " ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން،" ކަމަށެވެ.

ރައީސް މައުމޫނުގެ ތާއީދާއެކު ސައުދުﷲ ތިނަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ އެމްޑީޕީންވެސް އެދާއިރާއަށް ވަނީ ކެނޑިޑޭޓެއް ނެރެފަ އެވެ.

އެމްޑީޕީގެ ފަރާތުން ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރުމަށް ޕްރައިމަރީ ކާމިޔާބުކޮށް އެ ޕާޓީގެ ޓިކެޓް ހޯދާފައިވަނީ، އަބުދުލް މުޣުނީ އެވެ.

ސައުދުﷲ ވިދާޅުވީ، ރައީސް މައުމޫނުގެ ތާއީދާއެކު ތިނަދޫ އުތުރު ދާއިރާއަށް އޭނާ ވާދަކުރާއިރު، އެމްޑީޕީ ފިޔަވައި ދެން ކޯލީޝަންގައި ތިބި ހުރިހާ ޕާޓިއަކުން އޭނާއަށް އެހީތެރިވެދޭނެ ކަމަށެވެ.

"އެމްޑީޕީން އެ ދާއިރާއަށް ކެނޑިޑޭޓެއް ނިކުމޭ. އެހެންކަމުން ރައީސް މައުމޫނުގެ ތާއީދާއެކު އެމްއާރުއެމް ގެ ފަރާތުން އަޅުގަނޑު މަޖިލީހަށް ނިކުންނައިރު، އެމްޑީޕީ ފިޔަވައި ދެން ކޯލީޝަންގައި ތިބި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން އަޅުގަނޑަށް ތާއީދު ކުރާނެ،" ސައުދުﷲ ވިދާޅުވި އެވެ.

ސިޔާސީ ކަންކަމުގައި، ލީޑަރުން މަޝްވަރާކޮށްގެން ގޮތެއްނިންމަން އެއްބަސްވެެގެން ހެދި ކޯލީޝަންގައި، މަޖިލިސް އިންތިހާބާ ގުޅިގެން ވަނީ ބޮޑެތި ރެނދުތަކެއް އަޅައިފަ އެވެ.

ކޯލީޝަންގައި މައްސަލަ ބޮޑުވީ، މަޖިލިސް އިންތިހާބުގައި ލީޑަރުން ނިސްބަތްވާ ޕާޓީތަކުން އެއްބަސްވެވޭ ދާއިރާތަކަކަށް ބަހާލައިގެ ކަނޑައެޅޭ ގޮނޑިތަކަކަށް ވާދަކުރަން އެއްބަސްވެފައިވާކަމަށް ކޯލީޝަންގެ ބައެއް ބައިވެރިން ބުނަމުން ދަނިކޮށް، މަޖިލިސް ހުރިހާ ދާއިރާއަކަށް އެމްޑީޕީން ކުރިމަތިލާން ނިންމި ހިސާބުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟