ރ.މާކުރަތު ކައުންސިލާއި ސިއްހީ މަރުކަޒު އާއި ކޯޓުގެ ތިޖޫރިން ވައްކަންކުރި މައްސަލައާ ގުޅިިގެން އިތުރު ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. މިގޮތުން 38 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އެ އަތޮޅު ފަޅުރަށެއް ކަމަށްވާ ރ.ދޮންގަލިންނެވެ. އަދި 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރ.އިނގުރައިދޫ ބޭރުގައި އޮތް ދޯންޏަކުންނެވެ.
ފަހުން ހައްޔަރުކުރެވުނު ދެ މީހުންނާއެކު މި މައްސަލައިގައި ފުލުހުންވަނީ ޖުމްލަ 6 މީހަކު ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން މީގެކުރިން މި މައްސަލާގައި މާކުރަތުން ހައްޔަރު ކޮށްފައިވަނީ، 21 އަހަރުގެ ދެ މީހަކާއި، 19 އަހަރުގެ މީހަކާއި 62 އަހަރުގެ މީހެކެވެ.
މި ވައްކަމުގައި މާކުރަތު ކައުންސިލުގެ ތިޖޫރީން 83،000 އެއްހާ ރުފިޔާ ވަގަށް ނަގާފައި ވާއިރު އެ ރަށު ސިއްހީ މަރުކަޒުން ވަނީ 15،000 އެއްހާ ރުފިޔާ ވަގަށް ނަގާފައެވެ. ނަމަވެސް ރަށު ކޯޓުން ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ނޭނގޭކަމަށް އެރަށު ކައުންސިލުން ވަނީ މައުލޫމާތި ދީފައެވެ.