ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ އިގުތިސާދީ ގުޅުމެއް ކަމަށާއި އަސްކަރީ އެހީތެރިކަމާއި އެއްބާރުލުން އިންޑިއާ ފިޔަވައި އެހެން ގައުމަކުން ހޯދަން ޖެހޭ ސަބަބެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވެފައިވަނީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ނޫހެއް ކަމަށް ވާ އޭޝިއަން ނިއުސް އިންޓަރނޭޝަނަލްއަށް ދެއްވި އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި މާރިއާ ވަނީ އިންޑީއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ކުރީގެ ސަރުކާރުގައި ހަދިޔާކޮށްފައިވާ ކޯސްޓަލް ސަރވޭލިއަންސް ރާޑަރުތައް މިހާރު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ރާޑަރުތައް ބޭނުން ކުރެވެން ފެށުމުން ރާއްޖޭގެ ސަރަހައްދުގައި ގާނޫނީ އިމުން ބޭރުން ކުރާ ކަންކަން ހުއްޓުވުމަށް އިތުރަށް ފަސޭހަވެގެން ދާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މާރިޔާ ވަނީ ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮންނަ ގުޅުމާއި މެދު އިންޑިއާއިން ކަނަބޮޑުވާން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮންނަނީ ރާއްޖޭގެ ތަރައްގީއަށް ކުރިއެރުން ލިބޭނެފަދަ ގުޅުމެއް ކަމަށާއި، އަސްކަރީ ގުޅުމެއް ނޫންކަމަށް ވިދާޅުވިއެވެ.