ޚަބަރު

ސްޕޯޓްސް ފިޝިން އުޅަނދުތައް ފަލަސްތީނާއެކު ތިބިކަން ދައްކައިލުމަށް ކަނޑުމައްޗަށް!

މުއާވިޔަތު އަންވަރު

1

ރާއްޖޭގައި ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން އުޅަނދުތައް ފަލަސްތީނާއެކު ތިބިކަން ދައްކައިލުމަށް ކަނޑުމަތީގައި "ބުރެއް" ޖަހާލައިފިއެވެ.

ދަ ހޫކްސް މޯލްޑިވްސް އިން އިސްނަގައިގެން މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން އުޅަނދުތަކާއެކު ކުރިއަށްގެންދިޔަ އެ ހަރަކާތުގައި 30 އަކަށް އުޅަނދު ވަނީ ހަރަކާތްތެރިވެފައެވެ.

މިއަދު މެންދުރު 2:30 ގައި މާލޭ ހުޅަނގު ފަރާތު ނެރުން ނިކުމެގެން އިރަށް ގޮސް، އުޅަނދުތަކުން ވަނީ މާލެ ވަށައި ބުރެއް ހަމަކޮށްފައެވެ. އެ ހަރަކާތުގައި ދިވެހިން ތިބީ ފަލަސްތީނާއެކު ކަން ހާމަކޮށްދިނުމަށް ރާއްޖޭގެ ދިދައިގެ އިތުރުން ފަލަސްތީނުގެ ގިނަ އަދަދެއްގެ ދިދަ އާއި ފުއްޕާހަން ވަނީ ބޭނުންކޮށްފައެވެ.

"ސްޕޯޓްސް ފިޝިން ކޮމިއުނިޓީ އޮތީ ފަލަސްތީނާ އެކުގައި ކަން ހާމަކޮށްދިނުން އެއީ އަޅުގަނޑުމެންގެ މަގުސަދަކީ،" މިއަދުގެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ފަރާތަކުން "ވަން" އަށް ބުންޏެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސްޕޯޓްސް ފިޝިން ކޮމިއުނިޓީގެ ފަރާތުން ފަލަސްތީނާއެކު ތިބިކަން ހާމަކުރުމަށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދިވެހި ދައުލަތުންނާއި މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ކުށްވެރިކުރެއެވެ. އަދި އެމީހަކަށް ވީވަރަކުން ފަލަސްތީނާއެކު ތިބިކަން އަންނަނީ ހާމަކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟