ޚަބަރު

ފަލަސްތީނުގެ ހާރިޖީ ވަޒީރާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

1

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ފަލަސްތީނުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއެޓްސް ރިޔާދް މާލިކީއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިއުޔޯކުގައި، ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ރޭ އޮތް އދގެ އާއްމު މަޖިލީހުގެ ބަހުސްގެ ހަވާސާގައި އޮތް އެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަހުވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، ހައްގުތައް ހޯދުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް ފަލަސްތީނުގެ ހާރިޖީ ވަޒީރަށް މިނިސްޓަރު ޝާހިދު ދެންނެވިއެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދް އަލް މާލިކީގެ ވާހަކައިގައި ދިވެހި ރައްޔިތުންގެ ފަރާތުން ދެންނެވި ހެޔޮ ބަސްތަކަށް ޝުކުރު އަދާކުރައްވައި، މި ދަތި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަ ކަމަށް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލައި ކުރާނެކަމުގެ ޔަގީންކަން ރިޔާދް މާލިކީއަށް އަރުވައިފައެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި އދގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން، ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ކަމަށް އިސްރާއީލުން ހާމަކުރުމާ ގުޅިގެން، އެކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން އިހުނަށްވުރެ ބޮޑަށް ބޭނުންވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ ރޭ ބޭއްވި އދގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު ވަކިވަކިން ބައްދަލުކުރައްވައިފައެވެ. އެގޮތުން އުރުދުންގެ ހާރިޖީ ވަޒީރު އައިމަން އަލްސާފާދީ، އަލްޖީރިއާގެ ހާރިޖީ ވަޒީރު ސަބްރީ ބުގަދޫމް، ކުވައިތުގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު އަލް ނާސިރް އަލް މުހައްމަދު އަލް ސަބާހު، ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން، ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލޫތު ޝަވްޝޮލޫ، އިންޑޮނީޝިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ އަދި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހުމޫދު ގުރޭޝީއާ މިނިސްޓަރު ޝާހިދު ރޭ ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި މަޝްވަރާކުރުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް ބޭއްވި ބައްދަލުވުމުގައި ފަލަސްތީން، ސައޫދީ އަރަބިއްޔާ، އަލްޖީރިއާ، އިންޑޮނީޝިއާ، އުރުދުން، ކުވައިތު، ޕާކިސްތާން، ގަތަރު، ޓިއުނީޝިއާ އަދި ތުރުކީގެ ހާރިޖީ ވަޒީރުންނާއެކު މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަތެވެ. އެ ބައްދަލުވުމުގައި، އިސްރާއީލުން އިރުމަތީ ގުދުސްއާއި ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދިޔަ އުދުވާންތައް ކުށްވެރިކުރައްވައި މިނިސްޓަރު ވާހަކަދެއްކެވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟