ޚަބަރު

މީގެ 15 އަހަރުން ފެށިގެން ގާޒާ އޮތީ އެކަހެރިކޮށްފަ، މިއީ ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއާ" ޖަލު: ޝާހިދު

އަލީ އަފާފު ރަމީޒު

ކޮވިޑުގެ ސަބަބުން، "އައިސޮލޭޝަން" މިއީ އާންމު ބަހަކަށް ވެފައިވީ ނަމަވެސް މީގެ 15 އަހަރުން ފެށިގެން ދެ މިލިއަނަށްވުރެ ގިނަ ގާޒާގެ ރައްޔިތުން ގަދަކަމުން މުޅި ދުނިޔެއާ އެކަހެރިކޮށް، ގާޒާ ބަންދުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

އދ.ގެ އާއްމު މަޖިލީހުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ޝާހިދު ވިދާޅުވީ މީގެ 70 އަހަރު ކުރިން ފެށިގެންވެސް ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ވާހަކައަކީ މި މަޖިލީހުގައި ދެކެވޭ ވާހަކައެއް ކަމަށާއި ނަމަވެސް މިހާތަނަށް އައިއިރުވެސް މި މައްސަލައެއް ހައްލެއް ލިބިފައިނުވާ ކަމަށެވެ. ގެނެވުނީ ކުޑަކުޑަ ބަދަލެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޮވިޑުގެ ސަބަބުން "އައިސޮލޭޝަން" މިއީ އާންމު ބަހަކަށްވީ ނަމަވެސް މީގެ 15 އަހަރުން ފެށިގެން ދެ މިލިއަނަށްވުރެ ގިނަ ގާޒާގެ ރައްޔިތުން ގަދަކަމުން މުޅި ދުނިޔެއާ އެކަހެރިކޮށް، ގާޒާގައި ބަންދުކޮށްފައިވާ ކަމަށެވެ.

"ދިގުމިނުގައި 41 ކިލޯމީޓަރު އަދި ފުޅާމިނުގައި އެންމެ 12 ކިލޯމީޓަރު ހުންނަ ސަރަހައްދެއް އެތަނަކީ (ގާޒާއަކީީ) ދުނިޔޭގެ އެންމެ ބޮޑު އޯޕަން އެއާ ޖަލު، ގާޒާގައި އެއްވެސް ރައްކާތެރިކަމެއް ނެތް،" ޝާހިދު ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ފަލަސްތީނުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށާއި އެގައުމުގެ ރައްޔިތުން ހޭލަން ޖެހިފައިވަނީ ބޮން އަޅާ އަޑަށް ކަމަށެވެ. އެތައް ބަޔަކަށް އަނިޔާވެ، އަމިއްލަ ގެއިން އެމީހުން ނެރެމުންދާ ކަމަށާއި ކުޑަކުދިންނާއި އެތައް ބަޔަކު މަރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އަލް އަގްސާ މިސްކިތަށްވެސް ހަމަލާ ދީފައިވާ ކަމަށާއި މި ހުރިހާ ކަމެއްވެސް ހިނގައިދިޔައީ ބަރަކާތްތެރި ރޯދަ މަހާއި އީދުގައި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކަކީ ރާއްޖެއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މިކަން ހުއްޓުވަންޖެހޭ ކަމަށެވެ. މިކަން ނުހުއްޓުވައިފިނަމަ ހާލަތު އިތުރަށް ގޯސްވެ، ހައްލު ކުރަން އުނދަގޫ ހިސާބަކަށް ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެތައް މައުސޫމް ކުޑަކުދިންގެ ފުރާނަތައް ގެއްލިގެން ގޮސްފައިވާ ކަމަށާއި މިދިޔަ ހަފުތާގައި އެކަނިވެސް 60 އަށްވުރެ މީހުން މަރާލާފައިވާ ކަމަށެވެ. މި މަޖިލީހުން އެންމެ ބޮޑަށް ބާރު އަޅާ އެއް ކަމަކީ ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުން ކަމަށާއި ނަމަވެސް ފަލަސްތީނުގެ ކުޑަކުދިންނަށް ވަނީ ރައްކާތެރިކަން ހޯދައިނުދެވި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ބައިނަލްއަގުވާމީ މުޖުތަމައުން ހަނު ތިބެގެން ނުވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލައި ވަކާލާތު ކުރަންޖެހޭ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށާއި އެއީ އެމީހުންނަށްވެސް ލިބިގެންވާ ހައްގެއް ކަމަށްވެސް ވިދާޅުވިއެވެ.