ހައްދުންމަތީ ގަމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެރަށު ކައުންސިލާއި ސަރުކާރު އިދާރާތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުހައްމަދު ސޯލިހު އާ ހިއްސާކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ގަމު ކައުންސިލުގެ މެންބަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލު ކުރެއްވުމުގައި މަޝަވަރާ ކުރެއްވެވި ކަންތައްތަކުގެތެރޭގައި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމާއި މަގުތައް މަރާމާތުކުރުމާއި މީހުން ވަޒަންވެރިކުރުވުމާއި ވަޒީފާ ނެތް ގިނަ ޒުވާނުންތަކެއް ތިބުމާއެކު ވަޒީފާގެ ދަތިކަން ހައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަ ހިމެނެއެވެ.
އަދި ފަތުރުވެރިކަން ތަރައްޤީ ކުރުމާއި ކުނި މެނޭޖުކުރުން ފަދަ ކަންކަމާއި ބެހޭގޮތުން ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ބުނެފައިވެއެވެ.
ގަމުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަކި ވަކި މުއައްސަސާތައް ހިންގުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތު އޮޅުންފިލުއްވައި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާއިމެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ.