ޚަބަރު

ޓީވީއެމް ޕްރޮގްރާމެއްގައި ވިލިނގިލި ރައްޔިތުންނަށް ފުރައްސާރަކުރި ކަމަށްބުނެ މައާފަށް އެދެން އެދިއްޖެ

އަލީ އަފާފު ރަމީޒު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީ މޯލްޑިވްސް އިން ގެނެސްދިން ޕްރޮގްރާމެއްގައި ގއ. ވިލިނގިލި މީހުންނަށް މަލާމާތް ރައްދުވާގޮތަށް، ފުރައްސާރަ ކުރި ކަމަށްބުނެ މައާފަަށް އެދެން އެރަށު ކައުންސިލުން އެދެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޓީވީއެމް އިން ގެނެސްދިން "960" ޕްރޮގްރާމުގައި ވިލިނގިލީ މިހުން "ގަންބަނަ ބުދާ" ކިޔަނީ ކޯންޗަކަށްތޯ ބައިވެރިއަކާ ކުރި ސުވާލެއްގައި، އެއީ "ދާނި" ކަމަށް އެ ބައިވެރިޔާ ބުނުމުން ޖަވާބު ރަނގަޅު ކަމަށް ޕްރެޒެންޓަރު ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނި އެ ބަހަކީ ވިލިނގިލީ މީހުން އެއްވެސް ދުވަސްވަރަކު އެއްވެސް ގޮތެއްގައި ބޭނުން ކުރި ބަހެއް ނޫން ކަމަށާއި އެއީ ޖެއްސުން ކުރުމާއި ދިމާކުރުމުގެ ގޮތުން ބަޔަކު އަމިއްލައަށް އުފައްދައިގެން ކިޔާ އެއްޗެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ މީޑިއާއަކުން އެތައް ހާސް ބަޔަކު ބަލަމުން ދިޔަ ޕްރޮގްރާމެއްގައި މި ސުވާލު ކުރުމަކީ ވިލިނގިލީގެ ރައްޔިތުންނަށް ފުރައްސާރަކޮށް، ރައްޔިތުންނާ ދިމާކޮށް، މަލާމާތް ކުރުމާއި ރައްޔިތުންގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް ހިންގާފައިވާ އަމަލެއް ކަމަށްވެސް ބުންޏެވެ.

މި ޕްރޮގްރާމަށްފަހު އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ސޯޝަލް މީޑީއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި، އެ ޕްރޮގްރާމުގެ ވީޑިއޯ ފޮނުވައި ފުރައްސާރަ ކުރުމާއި ދިމާކުރުމާއި މާލާމާތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ވިލިނގިލީގެ ރައްޔިތުންނާއި ކުޑަކުދިންނަށް ނޭދެވޭ އަސަރުކޮށް، ނަފްސާނީ ގޮތުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

"ވީމާ ދައުލަތު މީޑިއާއެއް ކަމުގައިވާ ޕަބްލިކް ސާވިސް މީޑިއާއިން ހިންގާ ޓީވީ މޯލްޑިވްސްގެ މި ފުރައްސާރައިގެ އަމަލު ހަރުކަށި އިބާރާތުން އަދިވެސް އެއްފަހަރު ކުށްވެރިކޮށް މިކަމުގެ ބަދަލު ޓީވީ މޯލްޑިސްއިން ވިލިނގިލީގެ ރައްޔިތުންނަށް ދިނުމަށާއި ރައްޔިތުންނާ ކުރިމަތިވަމުންދާ ފުރައްސާއާއި ދިމާކުރުމާއި މަލާމާތާއި ރައްޔިތުންނަށް ކުރަމުންދާ ނަފްސާނީ ނޭދެވޭ އަސަރުތަކުގެ ޒިންމާ ނަންގަވައި ވިލިނގިލީ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލަން،" ކައުންސިލުގެ ބަޔާނުގައިވެއެވެ.

ކައުންސިލުން އިތުރަށް ބުނީ ކުރިމަގުގައި މިފަދަ އެހެން ޕްރޮގްރާމެއްގައި އެހެން ރަށެއްގެ ރައްޔިތުންނަށް، ފުރައްސާރަކޮށް ދިމާކުރުމުގެ ކުރިން ތަހުގީގީ އިދާރާތަކުން މި މައްސަލަ ބަލައި ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާ ކަމަށެވެ. އަދި މި މައްސަލައިގައި ޓީވީ މޯލްޑިވްސާއި ކަމާބެހޭ މުއައްސަސާތަކުން އަމަލުކުރާ ގޮތެއްގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެފަދަ ފިޔަވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.