ޚަބަރު

ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތައް އެއްބަސްވުމެއް އޮތުން މުހިންމު: ބޯޓިންގ އެސޯސިއޭޝަން

މުހައްމަދު އައުޒަމް

ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތައް އެއްބަސްވުމެއް އޮތުން މުހިންމު ކަމަށް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބޯޓިންގ އިންޑަސްޓްރީ ހޭލުންތެރިކުރުމުގެ ގޮތުން އިސްނަގައިގެން ބޯޓިންގ އެސޯސިއޭޝަން އިން ވަނީ ހޭލުންތެރިކަމުގެ ތަފާތު މަސައްކަތް ފަށާފައެވެ.

އެގޮތުން އެދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ވަޒީފާ އާއި ބެހޭ އެއްބަސްވުމެއް އޮތްތޯ ބެލުމަށް ވަނީ ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މިކަމުގައި މައުލޫމާތު ދިނުމާއި އެހީތެރިކަން، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދޭނެކަމަށް އެ އެސޯސިއޭޝަން އިން ވަނީ ހާމަކޮށްފައެވެ.

ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ ވަޒީފާގެ އެއްބަސްވުން އޮތުމަކީ ދެފަރާތަށް ވެސް މުހިއްމު ކަމެއް ކަމަށާއި ބޯޓިންގ އެސޯސިއޭޝަން އިން މިކަމުގައި އެހީތެރިކަން ދޭން ތައްޔާރުކަމަށެވެ. އެގޮތުން ސާމްޕަލް ކޮންޓްރަކްޓް ވެސް ފޯރުކޮށްދޭނެކަމަށް އިސްމާއިލް ހަމީދު ވިދާޅުވިވެ.

އިސްމާއިލް ހަމީދު ވަނީ މުސްތަގްބަލުގައި ވެސް ބޯޓިންގ އެސޯސިއޭޝަން އިން މި އިންޑަސްޓްރީގެ އެހެން ކަން ކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.

މިދާއިރާ ކުރިއެރުވުމަށް އަޒުމް ކަނޑައަޅއިގެން މަސައްކަތް ކުރަމުންދާ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފާއިތުވި ހަފްތާގައި ވަނީ ޑައިވިންގ ހިދުމަތްދޭ ތަންތަން ވެސް، ގަވާއިދުގެ ދަށުން ރެޖިސްޓްރީ ކޮށްގެން ހިދުމަތް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމުގައި ވެސް މައުލޫމާތާއި އެހީތެރިކަން އެއެސޯސިއޭޝަން އިން ވަނީ ދީފައެވެ.

2007 ވަނަ އަހަރު އުފެދުނު ލިވްއަބޯޑް އެސޯސިއޭޝަން މިދިޔަ ޑިސެމްބަރު ގައި ވަނީ ގައުމީ ޖަމިއްޔާއަކަށް ބަދަލުކޮށް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި މަސައްކަތް ފަށާފައެވެ. އަދި މި ސިނާއަތު ދިރުވައި ކުރިއެރުވުމަށް ތަފާތު ކަންތަށްތަކެއް ވަނީ ރާވާފައެވެ. އެގޮތުން މޯލްޑިވްސް މެރިން އެކްސްޕޯ އާއި މޯލްޑިވްސް ބޯޓިންގ އެވޯޑްގެ އިތުރުން ސްޓޭ ސޭފް އަ ފްލޯޓްގެ ޕްރޮގްރާމްތަށް ވެސް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ދަނީ ބާއްވަމުންނެވެ.