ޚަބަރު

ފަރުވާ ދިނުމަށްފަހު، އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

އަޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު، ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު ރޭ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

އެމެޖެންސީގައި މާލެ ގެނަސް އައިޖީއެމްއެޗުން އަދީބަށް ފަރުވާދޭން ފެށީ އިއްޔެ ހަވީރުގަ އެވެ.

އަދީބުގެ އާއިލާއިން ބުނެފައިވަނީ އަދީބު ހޮސްޕިޓަލަށް ގެންދިޔައީ، އޭނާ ޖަލުގައި ހުންނަ ގޮޅިތެރެއަށް އަނބުރައިގަނެގެން ވެއްޓުމުގެ ސަބަބުންނެވެ. އަދި އެހާދިސާގައި އަދީބުގެ ނިއްކުރި ދުޅަވެފައިވާ ކަމަށްވެސް އާއިލާއިން ބުނެފައިވެ އެވެ.

އަދީބުގެ ފަރުވާގެ ކަންތައް ދާގޮތާމެދު ނުރުހުން ފާޅުކޮށް އާއިލާއިން ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ، އަދީބުގެ ސިއްހީ ފަރުވާގެ ކަންކަން ހިނގަމުން ދަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ.

އަދި ހޮސްޕިޓަލްގައި ފަސްޑޮކްޓަރުން އަދީބު ބެއްލެވި ކަމަށާއި، އަދީބު ހޭނެތޭ ގޮތް ވަނީ ކިޑްނީ ސްޓޯން ޕާސްކުރުމަށް، އަދީބަށް މީގެ ކުރިން ފަރުވާ ދެމުންދިޔަ ޑޮކްޓަރު ދެއްވާފައިވާ ބޭހެއްގެ ސަބަބުން ކަމަށް، އިއްޔެ ބެއްލެވި ޑޮކްޓަރުން އިއްތިފާގުވާ ކަމަށްވެސް އާއިލާއިން ބުނެފައިވެ އެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގަ އަދީބު ގެންދަވަނީ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.