ޚަބަރު

ވަގަށް ނެގި ކޭޝްކާޑަކުން އޭޓީއެމުން 20000 ރުފިޔާ ނެގި ދެ މީހަކު ހައްޔަރު ކުރުމުން ކޯޓުން ދޫކޮށްލައިފި

މުއާވިޔަތު އަންވަރު

1

ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައިގެން 20000ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ، ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައިގެން އެ އަތޮޅު ކެނދިކުޅުދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެދުވެރިކޮށް 20،000 ރުފިޔާ ވަގަށް ނެގި މައްސަލަ މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. ހަމަ އެ ދުވަހު 26 އަހަރާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރުފިޔާތަކުގެ ތެރެއިން 1000 ރުފިޔާ ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެ މީހުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.

އެ ފައިސާތައް ހޯދުމަށް މާފަރު ޕޮލިސް ސްޓޭޝަނާއި މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން 17000 ރުފިޔާ ހޯދާފައިވަނީ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓައެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި މާފަރު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން ފުލުހުންވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ދެ މީހުން ވަގަށް ނެގި 20000 ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވާ 18000 ރުފިޔާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ މާފަރު ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟