ޝަހީދާ އަބްދުﷲ ސައީދު
19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހަޅަން ބޭނުންވާ، ފަނަރަ ދާއިރާއެއްގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މިއަދު ކުރިއަށްދާ، އެމްޑީޕީ މަޖިލިސް ކެމްޕެއިންގެ "ޕޮލިސީ ވޯކްޝޮޕް" ގައި މަޝްވަރާ ކޮށްފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝާން ވިދާޅުވީ މިއަދު ކުރިއަށްދާ ވޯކްޝޮޕްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނީ ރައްޔިތުންނާ އެންމެ ބޮޑަށް ގުޅުންހުރި ފަނަރަ ދާއިރާއަކުން އެމްޑީޕީ އަށް އެންމެ ބޮޑަަށް ފާހަގަކުރެވޭ މައްސަލަތައް ކަމަށެވެ.
އެގޮތުން ގެސްޓްހައުސް އާއި އެގްރި ކަލްޗަރާއި ވިޔަފާރި އާއި ޓޫރިޒަމް ދާއިރާގެ އިތުރުން ދަރިވަރުންގެ ދަރަންޏާއި އަދި ބޯހިޔާވަހި ކަމާއި އަދިވެސް ރައްޔިތުންނާއި ގުޅުހުންހުރި އެފަދަ އެތައް މައްސަލަތަކަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
އަފްޝާން ވިދާޅުވީ މި ވޯކްޝޮޕްގައި އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ފަހު އެމްޑީޕީން ނިންމާ ނިންމުންތައް މަޖިލީހަށް ހުށަހަޅާނެ ކަމަށާއި ވޯކްޝޮޕްގައި ނިންމާ ކަންކަން މަޖިލީހުގެ ކެމްޕެއިން ތެރޭގައި ލޯންޗްކުރާނެ ކަމަށެވެ.
މިއަދުގެ ވޯކްޝޮޕްގައި ގައުމީ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، މަޖިލީހަށް ވާދަކުރުމަށް ޓިކެޓް ކަށަވަރުވެފައިވާ ފަރާތްތަކާއި ޕާޓީގެ ކޮމިޓީތަކުގެ އިސް މެންބަރުން ބައިވެރިވާ ކަމަށް އަފްޝާން ވިދާޅުވިއެވެ.