އިބްރާހިމް ޒަކީ
ލާމަރުކަޒީ ގާނޫނު އިސްލާހް ކުރާއިރު، ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްއަށް، ހުޅުމާލެ އިން 5000 އަކަފޫޓުގެ ބިމެއް ދިނުމަށް ގާނޫނު ގައި ކަނޑައަޅަން ޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ގޮތް ނޭނގޭ މަރުތަކާއި، މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސް ކަންވެސް ކުރައްވާ ސުއޫދު، މިއަދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވެފައިވަނީ، "ލާމަރުކަޒީ ގާނޫނު އިސްލާހް ކުރާއިރު، ކޮންމެ އަތޮޅެއްގެ ކައުންސިލްއަށް، ހުޅުމާލެ އިން 5000 އަކަފޫޓުގެ ބިމެއްދީ، އެތަނުގައި އިންވެސްޓް ކޮށްގެން ލިބޭ ފައިސާ މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ލިބޭ ގޮތަށް ހަމަޖެއްސުން ރަނގަޅު،" ކަމަށެވެ.
އަދި އެގޮތަށް އެކަންކުރަންޖެހެނީ، އަތޮޅު ފިހާރައިގެ ބަދަލު އެ ފަރާތްތަކަށް ލިބިފައި ނުވާތީ ކަމަށްވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.
މާލޭ މާރުކޭޓް ސަރަހައްދާ ދިމާލުން، ކޮންމެ އަތޮޅަކަށް އަތޮޅު ފިހާރައިގެ ނަމުގައި ފިހާރައެއް ދެއްވައި އެތަންތަނުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭގޮތަށް، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ހަމަޖެއްސެވި ނަމަވެސް ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެ ތަންތަން ވަނީ ސަރުކާރަށް ނަގައިފަ އެވެ.
ސުއޫދު މިހެން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށް ހަދާވައިފާ، ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
އަދި އެ ގާނޫނު އިސްލާހު ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން މިދިޔަ ބުދަ ދުވަހު އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލައިފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، އެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ހިޔާލު ހޯދުމުގެ ފުރުސަތު ފެބްރުއަރީ 3ގެ ނިޔަލަށް އޮންނާނެ އެވެ.