ޚަބަރު

މާކުރަތު ކައުންސިލާއި ސިއްހީ މަރުކަޒާއި ކޯޓުން ވައްކަންކުރި މައްސަލައިގަ ހަތަރު މީހަކު ހައްޔަރު ކޮށްފި

ރ. އަތޮޅު މާކުރަތު ކައުންސިލާއި ސިއްހީ މަރުކަޒު އާއި ކޯޓުގެ ތިޖޫރިން ވައްކަންކުރި މައްސަލައާ ގުޅިިގެން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން މާކުރަތުން ހައްޔަރު ކޮށްފައިވަނީ، 21 އަހަރުގެ ދެ މީހަކާއި، 19 އަހަރުގެ މީހަކާއި 62 އަހަރުގެ މީހެއް ކަަމަށެވެ.

މާކުރަތު ކައުންސިލާއި ސިއްހީ މަރުކަޒު އަދި ކޯޓަށް ބަޔަކު ވަދެ ގިނަ އަދަދެއްގެ ފައިސާ އިއްޔެ ރޭ ދަންވަރު ވަނީ ވަގަށް ނަގައިފަ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މާކުރަތު ކައުންސިލުގެ ނައިބު ރައީސް ހުސައިން އިމާދު ވިދާޅުވީ، ދަންވަރުގެ ވަގުތެއްގައި ކައުންސިލަށް ބަޔަކު ވަދެފައިވަނީ އެތަނުގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ކަމަށެވެ.

އަދި އެ މީހުން ވަނީ ކައުންސިލުގެ ތިޖޫރީގައި ހުރި 83،000 އެއްހާ ރުފިޔާ ވަގަށް ނަގާފައެވެ.

އޭނާ ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒަށް ބަޔަކު ވަނީ އެތަނުގެ ފެން ލައިޓުން ކަމަށާއި އެތަނުގައި ހުރި 15،000 އެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ކޯޓުން ނަގާފައިވާ ފައިސާގެ އަދަދެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯޓުން ނެގީ ކިހާ ފައިސާއެއް ކަމެއް ނޭނގެ. އެތަނަށް ވަނީ އެތަނުގެ ކުޑަދޮރު ހަލާލުކޮށްލުމަށްފަހު. ފުލުހުން ދަނީ މިހާރު ކޯޓު ސަރަހައްދުގައި ހަރަކާތްތެރިވަމުން،" އޭނާ ރޭ ވިދާޅުވިއެވެ.