ޚަބަރު

އަބަދު މިހެން ކެތްކޮށްގެން ނުތިބެވޭނެ، ރައްޔިތުންގެ ގެދޮރު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް: ޝާހިދު

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކަންތައްތަކަށް ހައްލެއް ބޭނުންވާ ކަމަށާއި އެކަން ހައްލު ނުކުރެވިއްޖެނަމަ ރައްޔިތުންގެ ގެދޮރު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަގްވަމީ، ސުލްހަޔާއި ގުޅޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސާފު ފެނާއި، މޫދު ލޮނާއި އެކުވެ ތަޣައްޔަރުވެ، އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ކަނޑުގެ ލޮނުގަނޑު އިތުރަށް ދެ މީޓަރު އުފުލޭ ހިސާބުން ރާއްޖެ އަޑިއަށްދާނެ ކަމުގެ ބިރު، ހީވެފައިވާ ކަމަށާއި އޭގެ ސަބަބުން ގައުމު އެއްކޮށް ނެތިދިއުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެއަށް، އަބަދު ކެތްކޮށްގެން ނޯވެވޭނެ ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ހޯދަން އެބަޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ސުލްހަ އަށާއި ސެކިއުރިޓީއަށް އޭގެ އަސަރުކުރާކަމަށް ދުނިޔޭގެ ލީޑަރުން އެއްބަސްވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތް ''ކޮޕް 24 ސަމިޓް'' ގައި ގައުމުތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި، ދުނިޔޭގެ ހޫނުމިން ދެ ޑިގްރީ ސެލްސިޔެސްއަށް ވުރެ ދަށް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.