ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

އިންޑިޔާގެ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިންގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއިން ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ އިގުތިސޯދީ ސިޔާސީ އަދި ސަގާފީ ގޮތުން ގުޅުން ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސެޖު ނިންމަވާލައްވަމުން އިންޑިޔާގެ ރައްޔިތުންނަށް ފާގަތި އުފާވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައިވެއެވެ.