ގއ. ވިލިނގިލީގައި ދެ ކްލަސްޓާއެއް އުފެދި އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ގއ. ވިލިނގިލީ ކައުންސިލު މެންބަރު ހަބީބު ހަސަން "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ކަމަށެވެ. އަދި އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކަރަންޓީން އުސޫލާ ހިލާފުވި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށްވެސް ވިދާޅުވިއެވެ.
"ފުރަތަމަ ޕޮޒިޓިވް މިވީ ކަރަންޓީނުގައި ތިބި ދެ މީހުން. އޭރު މިވަނީ އެތައް ބަޔަކާ ބައްދަލުވެފައި،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެ ރަށުން ތިންވަނައަށް ޕޮޒިޓިވްވީ މީހާއާ ގިނަ ބަޔަކު ބައްދަލުވެފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންއަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ކޮންޓެކްޓުން ހޯދާފައިވަނީ ސީސީޓީވީ ފޫޓޭޖުން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
"އެގޮތަށް 14 މީހަކު ފާހަގަވެ ކަރަންޓީންކޮށް މިހާރު ވަނީ ސާމްޕަލް ނެގިފައި،" ހަބީބު ވިދާޅުވިއެވެ.
ހަބީބު އިތުރަށް ވިދާޅުވީ، އެރަށުން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެއް ކަމަށެވެ.
އެ ރަށުގައި ކަރަންޓީނުގައި ތިބެފައި ކައިވެނިކުރި ދެމަފިރިއަކު ވެސް މިއަދު 10،000 ރުފިޔާއިން ޖޫރިމަނާކުރިއެވެ. ނަމަވެސް އެ ދެމީހުން ބައްޔަށް ނެގަޓިވްއެވެ.
ގއ. ވިލިނގިލި ހިމެނޭހެން 52 ރަށެއް މިހާރު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.