ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ފަރުވާގެ ކަންކަން ހިނގަމުން ދަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބޭނުންފުޅުވާ ގޮތަކަށް ކަމަށް އާއިލާއިން ބުނެފިއެވެ.
އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރު ބޭނުންވާ ވަރަކަށް ފަރުވާ ދެއްވުމަށްފަހު ބޭނުން ނުވާ ފަރުވާއެއް ނުކުރާ ގޮތަށް މަސައްކަތްކުރާ ކަމަށެވެ.
"އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި މިނިސްޓަރު ބޭނުންފުޅުވާ ގޮތަކަށް އަދީބުގެ ސިއްހީ ހާލަތާއި، ފުރާނައަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބެލުމެއްނެތި، މިނިސްޓަރު އިމްރާން ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދާ ކަންކަން ހުއްޓާލައި، އަދީބަށް ބޭނުންވާ ފަރުވާ އެއްވެސް ނުފޫޒެއްނެތި، އެންމެ އެކަށީގެންވާ ގޮތެއްގައި ލިބޭނެ ގޮތަކަށް އިންތިޒާމުތައް ފަހިކޮށްދެއްވުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އާއިލާއިން ގޮވާލަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އައިޖީއެމްއެޗުން އަދީބަށް ދެމުން އަންނަ ފަރުވާ ކަށަވަރުކޮށްދިނުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
ހޭ ނެތުމުގެ ސަބަބުން އަދީބަށް ފަރުވާ ދިނުމަށް އިއްޔެ ހެނދުނު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަދި އަދީބަށް ފަރުވާދޭން ފެށުމާއެކު އަދީބުގެ ޓެސްޓްތަކެއް ހެދި ކަމަށާއި ގާތްގަނޑަކަށް ފަސް ޑޮކްޓަރުން އަދީބު ބެއްލެވި ކަމަށްވެސް ބަޔާނުގައިވެއެވެ.
ޑޮކްޓަރުން އިއްތިފާގުވި ގޮތުގައި ހޭނެތޭ ގޮތް ވަނީ ކިޑްނީ ސްޓޯން ޕާސްކުރުމަށްޓަކައި އަދީބަށް މީގެ ކުރިން ފަރުވާ ދެމުންދިޔަ ޑޮކްޓަރު ދެއްވާފައިވާ ބޭހެއްގެ ސަބަބުން ކަމަށް އާއިލާން ބުންޏެވެ.
"އެހެން ކަމުން، އަދީބުގެ ކިޑްނީ ސްޓޯނަށް ފަރުވާދެމުންދިޔަ ޑޮކްޓަރު އެމަރޖެންސީ ރޫމަށް ވަޑައިގެން އަދީބު ބެއްލެވުމަށް އާއިލާގެ ފަރާތުން އެދުމުން، ކަރެކްޝަނަލް ސާރވިސްގެ ބޭފުޅުން ވިދާޅުވީ ޑޮކްޓަރު ވަޑައިނުގަންނަވާނެ ކަމަށާއި، އަދީބުގެ ކިޑްނީ ސްޓޯނަށް ދީފައިވާ ބޭސް އަދީބު ބޭނުންކުރުން ހުއްޓާލުމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ." އެ ބަޔާނުގައި ވަނީ ބުނެފައެވެ.