ދިވެހި ރާއްޖޭގައި އަމިއްލަ މަސައްކަތުން ދިރިއުޅޭ އަންހެނުންނަށް ފުރައްސާރަކޮށް އަނިޔާވެރިވުމަށް "އޯޕެން ލައިސެންސް" އެއް އިސްލާމް ދީނުގެ ނަމުގައި ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ އެފަދަ ކަންތައްތަކަކީ ދީނުގައި އެކަންތައް އޮންނަ ގޮތްވެސް ނޫން ކަމަށެވެ.
"ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރަން ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން އިތުރުވުން ގިނަވާ ކަމަށް ދިރާސާތަކުން ދައްކާ. މިކަމުގެ ހައްލަކީ ފިރިހެނުން ގެއިން މަސައްކަތް ކުރުން ނުވަތަ ހާއްސަ ޗޭސިޓީ ބެލްޓެއް އުފައްދާ އޭގެ ތަޅުދަނޑި ސަރުކާރުގެ ތަނެއްގައި ބޭއްވުން ބާ!؟" ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ފައްޔާޒް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އަންހެނުންނަށް އިގުތިސޯދީ ދާއިރާއިން ކުރިއަރައި ދިއުމަށް ހިތްވަރުދީ ފުރުސަތުތައް ހޯދައިދިނުމަކީ މިއަދު އޭނާ ހުންނެވި މިނިސްޓްރީގެ މުހިންމު އަމާޒެއް ކަމަށެވެ.
މިނިސްޓަރު ފައްޔާޒްގެގެ އެ ޓުވީޓާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އޭނާ މިފަދަ ދީނާ ގުޅުން ހުރި މައުޟޫއެއްގައި މީސްމީޑިއާގައި ބަސްވިދާޅުވުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ އޭނާ އަކީ އަމިއްލަފުޅު ހައިސިއްޔަތެއް ވެސް އޮތް ބޭފުޅެއް ކަމަށާއި ގައުމުގައި ހިނގާ މުހިން ކަންކަމާ މެދު ޚިޔާލުފާޅުކުރެއްވޭނެ ކަމަށެވެ. އަދި އޭނާ މިއަދު ހަވާލުވެ ވަޑައިގެން ހުންނެވި މިނިސްޓްރީގެ ޒިންމާ އާއި އަމާޒަށް ހުރަސްއެޅޭ ކަންކަމާ މެދު ބަސް ވިދާޅުވެވެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީސް މީޑިއާގައި މި ބަހުސް ފެށިފައި ވަނީ ޝެއިޚް އަހުމަދު ސަމީރުގެ ތަގުރީރަކާ ގުޅިގެންނެވެ. އޭގައި އޭނާ ވިދާޅުވެފައި ވަނީ އަންހެނުނަށް އެކި ކަހަލަ ފުރައްސާރަ ކުރުންތައް ފިރިހެނުންގެ ފުށުން އަންނަނީ އެމީހުން ލާ ހެދުމުގެ ސަބަބުން ކަމަށެވެ.
މިއަދު އަޅުގަނޑުމެންގެ ފަލްސަފާއަކީ ކޮންމެ ދުވަހަކު ހެނދުނު ފެންވަރައިގެން ދޮޅުގަޑި އިރު ލޯގަނޑު ދޮށުގައި ހުރެގެން ކުލަލައިގެން ދަވާދުލައިގެން ގޮސް ހިލޭ ފިރިހެނުން ކައިރީ އޮފީހުގައި ތުއިދައްކަން ތިބެ މަސައްކަތްކުރުން ކަމަށާއި އެހެން ނަމަވެސް އަންހެނުންގެ ހަގީގީ ޒިންމާ އަކީ އެއީ ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެ ގޮތުން އަންހެނުންގެ ހަގީގީ ވާޖިބަކީ މާތްﷲ އަށް ތަގުވާވެރިވެ ގޭގައި ގަރާރުވެ ތިބުން ކަމަށާއި ކުރީ ޒަމާނުގައި، ޖާހިލިއްޔަ ޒަމާނުގައި އަންހެނުން މަގުމައްޗަށް ނިކުމެ އެމީހުންގެ ވަނާތައް ނީލަން ކިޔަން މަގުމަތީގައި ނުދުވާ ކަމަށް ވެސް ޝެއިޚް ސަމީރުގެ ތަގުރީރުގައި ވިދާޅުވި އެވެ.
ޝެއިޚް ސަމީރުގެ އެ ތަގުރީރަކީ އޭނާ މީގެ އަށެއްކަ އަހަރު ކުރީން ދެއްވި ތަގުރީރެކެވެ.