ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާވަށު ކައުންސިލްގެ މެންބަރުންނާ މިރޭ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މާވަށު ކައުންސިލުގެ މެންބަރުން ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ވަނީ އެމަނިކުފާނާ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި މާވަށުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމާއި ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން އަތޮޅުގައި ފަތުރުވެރިކަންކުރާނެ ރިސޯޓެއް ގާއިމުކުރުމާއި ސްކޫލް އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާ ބެހޭގޮތުން އަދި ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމާއި ކުޅިވަރު ތަރައްގީކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ސަރުކާރާއި ކައުންސިލާއި ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ.
މާވަށު ކައުންސިލުގެ ފަރާތުން ވަނީ މިސަރުކާރާއި ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފައެވެ.