ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވުމަށް ސަރުކާރުގެ ފަރާތުން އޯގަސްޓު މަހު އިއުލާނުކުރި ލޯނު ސްކީމުގެ ދަށުން 314 ލޯނަށް ނޯމިނޭޓްވެއްޖެ އެވެ.
މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަނުން ވަނީ ލޯނު ސްކީމަށް ނޯމިނޭޓްވެފައިވާ ފަރާތްތަކުންގެ މައުލޫމާތު އިއްޔެ އާންމުކޮށްފައެވެ.
މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ލޯނު ސްކީމުގެ ދަށުން އަލަށް ކިޔަވާ ފަރާތްތަކަށާއި މިހާރު ކިޔަވަމުންދާ ފަރާތްތަކަށް ވަނީ ލޯނު ދީފައެވެ.
އެގޮތުން ފުލް ފަންޑިންގެ ދަށުން އަލަށް ލޯން ސްކީމަށް 282 ދަރިވަރުން ވަނީ ނޯމިނޭޓް ވެފައެވެ. އެގޮތުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް 113 ދަރިވަރަކު ލޯނަށް ނޯމިނޭޓް ވެފައިވާއިރު 169 ދަރިވަރަކު ވަނީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރުމަށް ލޯނަށް ނޯމިނޭޓްވެފައެވެ.
އެ 282 ލޯން ސްކީމުގެ ތެރޭގައި އެކި ދާއިރާތަކުން ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއަށް ކިޔެވުމަށް ވަނީ ފުރުސަތު ލިބިފައެވެ.
މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ލޯނު ދީފައިވަނީ 32 ދަރިވަރެކެވެ. އޭގެތެރެއިން 11 ދަރިވަރަކީ މިހާރު ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނެވެ. އަދި ބާކީ 21 ދަރިވަރުންނަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނެވެ.
އެ ލޯނު ސްކީމަކީ މިދިޔަ އަހަރު އިއުލާންކުރި 500 ލޯނު ސްކީމުގެ ދަށުން ކޮލިފައިވި ދަރިވަރުންނަށް ދީފައިވާ ލޯނެވެ.
ސަރުކާރުންދޭ ލޯނު ސްކީމުގެ ދަށުން މިދިޔަ އަހަރު ވަނީ 598 ދަރިވަރަކަށް ލޯނު ދީފައެވެ.