ޚަބަރު

ހޯރަފުއްޓަށް އުދަ އަރައި ރަށަށާއި އެއާޕޯޓަށް ގެއްލުންތަކެއް ވެ، ދަތުރުތައް މެދުކަނޑާލައިފި

މުއާވިޔަތު އަންވަރު

ހއ. ހޯރަފުއްޓައް އުދަ އަރައި ރަށަށާއި އެރަށު އެއާޕޯޓަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ހޯރަފުށި ކައުންސިލް މެންބަރު އަލީ ނަސީރު އާދަމް 'ވަން' އަށް މިއަދު ވިދާޅުވީ، އެ ރަށަށް އުދަ އަރަން ފެށީ މިއަދު ހެނދުނު ކަމަށާއި އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

"ރަށުގެ ހުޅަނގު ފަރާތުން އުދަ މި އަރަނީ. މިއަދު 10 ޖެހި އިރުން ފެށިގެން ކޮންމެވެސް ވަރަކަށް އުދަ އަރަން ފަށައިފި. ދެން ހުކުރަށް ހުއްޓާ އެންމެ ބޮޑަށް މި އުދަ އެރީ،" އަލީ ނަސީރު ވިދާޅުވިއެވެ.

އުދަ އެރުމުގެ ސަބަބުން ރަށުގެ ބައެއް ގެތަކާއި ސިއްހީ މަރުކަޒަށް ވެސް ފެން ވަދެފައިވާ އިރު، އެއާޕޯޓަށް ވަރަށް ބޮޑަށް ލޮނުގެ އަސަރުކޮށްފައިވާކަން އަލީ ނަސީރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެއާޕޯޓު ޓާމިނަލް އާއި ރަންވޭއަށްވެސް ލޮނާއި ވެލި އެރުމުގެ ސަބަބުން ދަތުރުތައް ހުއްޓާލާފައިވާ ކަމަށެވެ.

ގަދަ ވައިގެ ސަބަބުން އެއާޕޯޓު ޓާމިނަލްގެ ބައެއް ދޮރުތަކުގެ ބިއްލޫރި ތަޅައިގެން ގޮސް ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ހޯރަފުށި ހިމެނޭ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް ނެރެފައިވާ އޮރެންޖު އެލާޓުގެ މުއްދަ ވަނީ މިރޭ 7:15 އަށް އިތުރު ކޮށްފައެވެ.

އެލާޓް ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެއެވެ.

މެޓް އޮފީހުން ވަނީ އެލާޓް ނެރެފައިވާ ސަރަހައްދުގެ ކަނޑު ގަދަވެ، ރާޅު އަރާފާނެ ކަމަށްވެސް ލަފާކޮށްފައެވެ.

ހޯރަފުއްޓަށް ގަދަވަޔާއި އުދައަރައިގެން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ރަށު ކައުންސިލާއި ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ވަނީ ބުނެފަ އެވެ. އަދި އިތުރު އެހީތެރިކަން ބޭނުން ވެދާނެ ފަދަ ހާލަތަކަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާ އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށްވެސް ބުންޏެވެ.