އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އާ ވެރިކަން ހަވާލުކުރުމުގެ ކަންކަން ހަމަޖެއްސުމަށް އައްޔަން ކުރައްވާފައިވާ ޑިރެކްޓަރ އޮފް ޓްރާންސިޝަން އަހުމަދު ލަތީފަށް ޚާއްސަ އޮފީހެއް ސަރުކާރުން ހަމަޖައްސައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ލަތީފަށް އޮފީހެއް ހަމަޖައްސައިދީފައި ވަނީ ސްޓެލްކޯގެ އިމާރާތުން ކަމަށެވެ.
މާރިޔާ ވިދާޅުވީ އެ އޮފީހަށް އިދާރީ މުވައްޒަފުން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދީފައިވާ ކަމަށެވެ.
ވެރިކަން ބަދަލުވުން ނުވަތަ ޓްރާންސިޝަންގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ސިޔާސީގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.