ފުވައްމުލައް ސިޓީގައި ސައިކަލެއް ދުއްވަނިކޮށް ވެއްޓި ކުއްޖަކަށް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވަނިކޮށް 17 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިއަދު އިރުއޮއްސި 6:30 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި އެ ހާދިސާގައި ސައިކަލުން ވެއްޓިފައިވަނީ އެކުއްޖާ އެކަނި ފުނާޑު ބުރިކުރި މަގުން ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެގެން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމަހުގެ 19 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ މާލޭ މަސް މާރުކޭޓު ކުރިމަތީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލުން ޖެހިގެންނެވެ. މަރުވެފައިވާ 17 އަހަރުގެ ކުއްޖަކީ އެ ސައިކަލް ދުއްވަން އިން ކުއްޖާއެވެ.