ޚަބަރު

ނާޖާއިޒުކޮށް ކަންކަން ކުރުމުގެ ނަތީޖާގެ އަސަރު ފުލުހުންގެ މުއައްސަސާގައި އެބަހުރި: އިމްރާން

އަހުމަދު ޖައިޝަން

ނާޖާއިޒު ގޮތަކަށް ކަންކަން ކުރުމުގެ ވިސްނުން ހުރެގެން މަސައްކަތްކުރުމުގެ ނަތީޖާއެއްގެ އަސަރުތައް ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެބަހުރި ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަަބްދުﷲ ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒުން ވެއްދުމަކީ ވަކި ބައެއްގެ ބާރު މުއައްސަސާގެ ތެރެއަށް ގެންގޮސް އެތަނަށް އަމަލު ކުރަން ޖެހޭ ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރުވުން ކަމަށެވެ.

އެހެންކަމުން ފުލުހުންގެ މުއައްސަސާއަށް އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ވަނަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ކުރެވިގެން ނުވާނެ ގޮތަކަށް އަޅުގަނޑުވެސް އަދި އެހެން މީހަކުވެސް މުއައްސަސާއަށް ބާރުފޯރުވުމުގެ ފުރުސަތު ނުދިނުމަށް މަސައްކަތް ކުރާނަން،" އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުއައްސަސާއާއެކު މަސައްކަތް ފަށަނީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ފުލުހުންގެ މިއަދުގެ ލީޑަޝިޕް އޮތީ އެކަމަށް ތައްޔާރުވެ، އެކަމަށް އެބަ މަސައްކަތްތައް ކުރޭ،" އޭނާ ފާހަގަކުރެއްވިއެވެ.