ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ސިޔާސީ ހަރަކާތް ހިންގައި ދިވެހި ފުޓުބޯޅައަށް ގެއްލުން ވާގޮތަށް އެތައް ކަމެއްކޮށް އަދި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަންތައްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި ދެ އަހަރުގައި އެފްއެމްގައި ސިޔާސީ ހަރަކާތްތައް ހިންގާފައިވުމުން އެކްސްޓްރާއޯޑިނެރީ ކޮންގްރެސް އެއް ބޭއްވުމަށް ވޯޓް ލެވޭ މެޖޯރިޓީ ފުޓްބޯޅަ ކްލަބުތަކުން ސޮއި ކޮށްފިކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
މަހްލޫފް މިހެން ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބީ ލީޑާޝިޕު، ބިރުދައްކައިގެން ބަދަލުކުރުމަށް މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވަނިކޮށެވެ.
އެފްއޭއެމް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅު ނަހަމަގޮތުގައި ބޭނުންކުރައްވައި، ކުންފުނިތަކުން ދެމުން އަންނަ މާލީ އެހީވެސް ނުލިބޭނެ ކަމުގެ ބިރު މިނިސްޓަރު މަހުލޫފު ދައްކަވަމުންދާ ކަމަށެވެ.