އުރީދޫ މޯލްޑިވްސްގެ ކަސްޓަމާ ކެއާ ހިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށް، ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ހިދުމަތްތައް ހޯދުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އުރީދޫން ބުނީ ކޮވިޑް 19 ހުއްޓުވުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ކަސްޓަމަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަން މިވަގުތު ގާއިމުކުރުމަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމާ ކެއާ ހިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށްފައިވާ ކަމަށާއި ހިދުމަތްތައް ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.
އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް އުރީދޫ ހިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަސްޓަމަރުންނަށް އޮންލައިންކޮށް ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އުރީދޫން ބުނީ އުރީދޫ އެޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށްވެސް ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ބިލުތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމުގެ ހިދުމަތްތައް އެ ސެންޓަރުތަކުން ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އުރީދޫ ޑިޖިޓަލް ސެންޓަރުތައް ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި މިހާރު ވަނީ ގާއިމުކުރެވިފައިވެއެވެ.
އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ލިބެން ނެތް ހިދުމަތެއް ހޯދުމަށް [email protected] އަށް މެއިލް ކުރުމަށް އެ ކުންފުނިން އެދެއެވެ.