ޚަބަރު

ޕީޕީއެމް ކުލައިގެ ޕޯސްޓަރާ އެކު އަހުމަދު ނާޒިމް ދިއްގަރު ދާއިރާއަށް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާއަށް ވާދަކުރައްވަން އެދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ނިންމަވައިފި އެވެ.

ނާޒިމް އެކަން އިއުލާނުކުރެއްވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

"މަޖިލިސް 2019ގައި ދިއްގަރު ދާއިރާއަށް ކުރިމަތިލާން ނިންމައިފިން. ދިއްގަރު ދާއިރާގެ ރައްޔިތުންގެ އިޚުލާސްތެރިކަމާއި ވަފާތެރިކަން އެއީ ޝައްކެއް އޮތް ކަމެއް ނޫން." ނާޒިމްގެ ޓުވީޓުގައި ވިދާޅުވި އެވެ.

ދިއްގަރު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ނާޒިމް ކުރެއްވި ޓުވީޓުގައި ވަނީ އެ ދާއިރާގެ ޗާޓެއް އަދި އޭނާގެ ފޮޓޯއެއް ހިމެނޭ އިޝްތިހާރެއް ވެސް ހިމަނުއްވައިފަ އެވެ. އެ އިޝްތިހާރުގައި ކުލަ ތީމަކަށް ބޭނުންކުރައްވައިފައި ވަނީ މިހާރު މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ ޕީޕީއެމްގެ ކުލަ ކަމަށްވާ ޕިންކު ނުވަތަ އަސުރުމާ ކުލަ އެވެ.

ޕިންކު ކުލައިގެ ތީމްތައް ހިމެނޭގޮތުން ނާޒިމްގެ ކެމްޕޭން އިޝްތިހާރު އިއުލާނުކުރެއްވި އިރު ޕީޕީއެމްގެ މައްސަލަ ރައީސް މައުމޫނާ އެއްކޮޅަށް ނިމި އެ ޕާޓީގެ ލީޑަރޝިޕް އެމަނިކުފާނަށް ލިބިވަޑައިގެންފާނެ ކަމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެ ކަމާ ގުޅިގެން ޕީޕީއެމްގެ މިހާރުގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ޕީއެންސީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެމްއާރްއެމްގައި މިވަގުތު އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ނާޒިމް ދިއްގަރު ދާއިރާއަށް ކުރިމަތިލައްވަން ނިންމެވި އިރު، އެ ދާއިރާގެ މެންބަރު ކަމުގައި މި ވަގުތު ހުންނެވީ ކުރީގެ ރައީސް، ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އެވެ.

ފާރިޝް މިހާރު ހުންނެވި ދާއިރާއަށް ނާޒިމް ކުރިމަތިލައްވާނެކަން އިއުލާނުކުރެއްވި އިރު، ފާރިޝް ކުރިމަތިލައްވަނީ ކޮން ދާއިރާއަކަށްކަން ވަނީ ޔަގީން ނުވެފަ އެވެ. އޭނާ ދިއްގަރު ދާއިރާއަށް ކުރިމަތިލައްވާނޭ ކަމުގެ އަޑުތަކެއް ކުރީން އިވުނު ނަމަވެސް ފަހުން އަޑު ފެތުރިފައި ވަނީ އޭނާ ވާދަކުރައްވާނީ މާފަންނުގެ ދާއިރާއަކަށް ކަމަށެވެ. ފާރިޝް ކުރިމަތިލައްވާ ދާއިރާއެއް ނުވަތަ ކުރިމަތިލައްވާނެ ކަމެއްވެސް އެމްއާރްއެމްއިން ރަސްމީކޮށް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.