ޚަބަރު

ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް އިންސްޕެކްޓް ކުރަނީ

އަލީ އަފާފު ރަމީޒު

މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާތީ، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށުން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި މުވައްޒަފުންނާއި އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި އަދި ހިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ ގައިޑްލައިންތަކަށް ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން އަމަލުކުރަމުން އަންނަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އިންސްޕެކްޝަންތަކެއް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ރެންޑަމް އުސޫލުން ކޮންމެ ދުވަހަކުވެސް ގެސްޓް ހައުސް އަދި ސިޓީ ހޮޓޮލްތައް އިންސްޕެކްޓްކުރަމުން ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި އިންސްޕެކްޝަންތައް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނީ އެ މިނިސްޓްރީން ކަމަށެވެ. އަދި ރާއްޖޭގެ އެހެން

ސަރަހައްދުތަކުގައި ރަށްރަށުގެ ރަށު ކައުންސިލާއި ސިޓީ ކައުންސިލް އަދި ޓާސްކްފޯސްތަކާ ގުޅިގެން އިންސްޕެކަޝަންތައް ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ.

މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެމުންދާ އިރު، އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް ދަނީ ކޮވިޑް ފެތުރެމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ކޮވިޑް ފެތުރެން މެދުވެރިވެފައިވާ އެއް ސަބަބަކީ އެ ރަށްރަށުގެ ގެސްޓްހައުސްތަކަށް ޒިޔާރަށް ކުރާ ފަތުރުވެރިންގެ ސަބަބުންނެވެ. އެކަމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ރަށްރަށުގެ ގެސްޓްހައުސްތަކަށް ދިއުން މިހާރު ވަނީ މަނާކޮށްފައެވެ.