އިބްރާހިމް ޒަކީ
ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް އަނބުރާ ދޭން ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް ދިނީ 2013 ގައެވެ.
އެއަށްފަހު އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން 2017 ވަނަ އަހަރު ވަނީ އެ ތަން އަތުލައިފަ އެވެ.
އެއްބަސްވުން ބާތިލުކޮށް އެތަން، ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޫމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާއިން އަތުލީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ވިލާ އެއާ އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން، ސަރުކާރުން އެއްްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެތަން އަލުން ވިލާ އެއާއަށް ދިނުމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް އެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުން މައްސަލަ ބެލުމަށްފަހު، ސިވިލްއޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ގަވާއިދު ތަކާއި، މިންގަނޑުތަކާ އެއްގޮތަށް ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓް ހިންގުމުގައި އަމަލު ކޮށްފައި ނުވާ ކަމަށް ބުނެ، ސަރުކާރުން ލީސް އެގްރީމެންޓް ބާތިލު ކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށް ކަނަޑައަޅައި ސިވިލްކޯޓުގެ ހުކުމަށް ތާއީދުކޮށް، 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ، ހައިކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިންތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ.
އެ ހުކުގަިއ ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް ދިނުމަށް ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެތަން އަލުން ވިލާ އެއާއަށް ދިނުމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.
ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ ހިލާފަށް ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓު ހިންގިކަމަށް ބުނެ އެކަން ސާބިތު ކުރުމަށް ދައުލަތުން ޝަރީއަތަށް މޯލްޑިވިއަން ކުންފުނީގެ އެސެސްމަންޓް ރިޕޯޓު ހުށަހެޅި ނަމަވެސް އޭގެ ސައްހަކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ހުކުމްގައި ވެއެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ކުރާ ކޮންމެ ތުހުމަތެއް ސާބިތު ކުރުމަށް ހެކި ހުށަހަޅަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އެ ތުހުމަތެއް ވާނީ ކަނޑުގައި އަޅާ ރޮނގެއް ފަދަ އެއްޗަކަށް ކަމަށެވެ. އަދި އެ ރިޕޯޓަކީ ވިލާއާ ވާދަވެރި ފަރާތަކުން ހުށަހަޅާފައިވާ ރިޕޯޓެއް ކަމުން އެރިޕޯޓާ ދެކޮޅަށް ވިލާ އެއާއިން ދައްކާފައިވާ ވާހަކަ ނަފީ ކުރެވޭ ވަރު އެއްޗެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެއާޕޯޓް ވިލާއިން އަތުލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ފުރުސަތަށް އެދިފައި ވާތީ އެފުރުސަތު ވިލާ އެއާއަށް އޮތް ކަމަށްވެސް ހުކުމްގައި ވެއެވެ.
ނަމަވެސް އެ މައްސަލައިގައި ބަދަލު ނަގައި ދޭނަމަ، ގެއްލުމުގެ އަދަދު ހިސާބު ކުރުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއްވެސް ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ދެން އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.